ފަަލަސްތީނުގެ މައްސަލައާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަލް ސައުދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މަޝްވަރާކޮށްފިއެވެ.

ސައުދީ ރަސްގެފާނު އަދި ދެ ޙަރަމްފުޅުގެ އިމާމް، ޓްރަމްޕްއާ ފޯނުން ގުޅުއްވައި، އެމެރިކާއިން އެގައުމުގެ އެމްބަސީ އިސްރާއިލުގެ ގުދުސަށް ބަދަލުކުރުމަށް ނިންމި ނިންމުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ރަސްގެފާނު ސަލްމާން ވިދާޅުވީ ސައުދީން އަބަދުވެސް އޮންނާނީ ފަަލަސްތީނާ އެކުގައި ކަމަށާއި އަދި ފަަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގުދުސް ކަނޑައެޅުމުގެ ހައްގު ފަލަސްތީނަށް އޮންނަން ޖެހޭނެ ކަމަށެވެ.

ދާދި ފަހުން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާލް ސައުދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާއިން ވެދެއްވި އެއްބާރުލުމާ ބެހެއްޓެވި ގާތްކަމަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްްވައިފައެވެ.

އެމެރިކާއިން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފުކުރައްވައި، ޔަމަނުގެ މައްސަލައަށް ސިޔާސީ ގޮތުން ހައްލު ހޯދައި އަދި ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން ވެސް ސަައުދީ ރަސްގެފާނު ވަނީ މަޝްވަރާކޮށްފައެވެ.

ސައުދީން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބޭނޭ ކަމަށް ސައުދީ ރަސްގެފާނު ވިދާޅުވިޔަސް، އެމަނިކުފާނުގެ ދަރިކަލުން އަދި ވަލީއަހުދު، އެމެރިކާގެ މެގަޒިންއެއް ކަމަށްވާ ދި އެޓްލާންޓިކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔަހޫދީ ދައުލަތެއް އޮތުމުގެ ހައްގުވެސް އޮންނަން ޖެހޭނެ ކަމަށެވެ.

ރަސްގެފާނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕު ވަނީ، ސަރަހައްދުގެ ހަމަޖެހުން ނަގާލަން އީރާނުން ކުރަމުންގެންދާ މަސައްކަތްތައް ނާކާމިޔާބުކޮށްލުމަށް ސައޫދީން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައިފައެވެ.