04 Apr 2018, 23:50
މާލޭގައި މުދާ އުފުލުމުގެ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން މުދަލާއި ޚިދުމަތުގެ އަގު ބޮޑުކުރަމުންދާ މައްސަލައިގައި، އެމްޕީއެލް ސަރަހައްދުގައި މަޖޫރީންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައް ހަތް ދުވަސްތެރޭ އަލުން ރަޖިސްޓްރީވުމަށް އަންގައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އިން މިރޭ ނެރުނު ބަޔާނުގައި ބުނީ އާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގޮތުން މަޖޫރީން އަލުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ހަތްދުވަސް ތެރޭ ރަޖިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަތައް ބާތިލް ކުރާނެ ކަަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.
މާދަމާއިން ފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނޭ ރޭޓްތައް އިކޮނޮމިކް މިނިސްޓްރީއިން މިރޭ ވަނީ ކަނޑައަޅައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށް، މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު ނެގުމަކީ މަނާކަމެއް ކަމަށެވެ.
މުދާ އުފުލުމަށް ގެނައި ބަދަލާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު ހުސްކުރުމުގެ ޚިދުމަތްދޭ މަޖޫރީން ވަނީ، އެމީހުން ކުރިން ޚިދުމަތް ދެމުން ގެންދިޔަ އަގުތައް ދެގުނައަށް ބޮޑުކޮށްފައެވެ.
މަޖޫރީން ވަނީ އެމީހުން ކޮންޓޭނަރު ކަނޑައިދޭ އަގުތައް، 20 ފޫޓުގެ ކޮންޓެއިނަރެއް 6000 ރުފިޔާއަށް އަދި 40 ފޫޓުގެ ކޮންޓެއިނަރެއް 12000 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް ސަރުކާރުން ނިންމި މިނިންމުމާ ގުޅިގެން މިހާރު އެ ޚިދުމަތް ދޭން ޖެހޭނީ ގާތްގަނޑަކަށް ކުރިންވެސް ދިން އަގުތަކުގައެވެ.