ދެމެހެއްޓެނިވި ގޮތުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ކުރަމުންދާ މަަސައްކަތްތަކުގެ ދަށުން މާލެ އަދި ވިލިމާލޭގެ ސިޓީގެ މަގުތައް ސާފުކުރުމުގެ ވަޒީފާތައް އެކުންފުނިން ހުޅުވާލައިފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލެ އަދި ވިލިމާލޭގެ މަގުތައް ސާފުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބާއްވާ އިންޓަވިއުތައް މިމަހު 10 އަދި 11 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެމްކޯއިން ހުޅުވާލާ ވަޒީފާތަކަށް ކުރިމަތިލާ މީހުން، އެމީހުން ދިރިއުޅޭ ސަރަހައްދާ ކައިރި ސަރަހައްދެއްގައި މަަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ އިންޓަވިއުތައް ކުރިއަށް ގެންދާނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ މާލޭ ޓްރާންސްފާ ސްޓޭޝަންގައި، ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހައެއް ޖަހަންދެން ކަމަށެވެ.

ވެމްކޯއިން ހުޅުވާލާ ވަޒީފާތަކުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ 7500 އާއި އަދި 8500 އާ ދެމެދުގެ މުސާރައެކެވެ.

އިންޓަވިއުއަށް އަންނައިރު އައިޑީކާޑު ގެނައުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.