ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެކޮޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފިއެވެ.

މިރޭ ލަންކާ ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ބޮޑުވަޒީރު ރަނިލް ސަލާމަތްވެވަޑައިގެންނެވީ 122 ވޯޓުންނެވެ. އިތުބާރު ނެތްކަމަށް ވޯޓުދެއްވީ 76 މެމްބަރުންނެވެ. އަދި 26 މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލަ އެގައުމުގެ ޕާލަމެންޓަށް ވައްދައި، އެ މައްސަލައިގެ ބަހުސް ހެނދުނުން ފެށިގެން ކުރިއަށް ދިޔައެވެ. އެގޮތުން، ބަހުސްގެ ވަގުތުކަމަށް 12 ގަޑިއިރު ކަނޑައެޅުނެވެ.

ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީސް މެމްބަރު މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ "ޖޮއިންޓް އޮޕޮޒިޝަން"އިން މަޖިލީހަށް ވެއްދި، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު ލަންކާގެ ރައީސް ނިސްބަތްވެވަޑައިގަންނަވާ ސްރީލަންކާ ފްރީޑަމް ޕާޓީ އޮތީ ދެފަޅި ވެފައެވެ. ބައެއް މެމްބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދެއްވާނެކަމަށް ވިދާޅުވިއެވެ. ބައެއް މެމްބަރުން ވޯޓުގައި ބައިވެރި ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

މިރޭ ލަންކާ ޕާލަމެންޓުގައި ނެގި ވޯޓުގައި، އެސްއެލްއެފްޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއިކޮށް، އަދި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާޅުގައި ވާހަކަދެއްކެވި އެސްއެލްއެފްޕީގެ ބައެއް މެމްބަރުން ފަހު ވަގުތު ރަނިލް ސަލާމަތްކުރުމަށްވެސް ވޯޓު ދެއްވިއެވެ.

ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، އެގައުމުގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓް ސެކްރެޓަރީ ރާޖިތަ ސޭނާރަތުނަ ބީބީސީ ސިންހަލައަށް މިއަދު ވިދާޅުވީ މަޖިލީހުގައި ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމަށް ވޯޓުދޭ ކަމަށެވެ.

"ބޮޑުވަޒީރާ ދެކޮޅަށް ވޯޓުދޭ އެސްއެލްއެފްޕީ މިނިސްޓަރުން ވަޒީރުކަމުން ވަކިކުރެވޭނެ. ބޮޑުވަޒީރު މި ވޯޓު ކާމިޔާބު ކުރެއްވުމުން ކެބިނެޓަށް ބަދަލުތަކެއް ގެނެވޭނެ،" މިނިސްޓަރު ރާޖިތަ ވިދާޅުވިއެވެ.

ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި މައިގަނޑު ސަބަބަކަށް ވީ، އެގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުކަމަށް ބޭރު ގައުމެއްގެ ރައްޔިތުކަން އޮތް މީހަކު އައްޔަނުކުރުމާއި، ކޮރަޕްޝަން ހިމެނޭ ގޮތަށް ސެންޓްރަލް ބޭންކު މެދުވެރިކޮށް ވިއްކި ބޮންޑެއްގެ މައްސަލައިގައި ބޮޑުވަޒީރުގެ އަތެއް ވާކަމަށް ތުހުމަތު ކޮށްފައެވެ.

ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލައިގައި، އޭރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ރަވީ ކަރުނާނަޔަކަ ވަނީ ލަންކާގެ ކެބިނެޓުން އިސްތިއުފާ ވެސް ދެއްވާފައެވެ.