28 Aug 2011, 14:17
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަނެއް އުފެއްދުމަށް އެ ޔުނިވަސިޓީގެ ކައުންސިލުން ނިންމައިފި އެވެ. ގައުމީ ޔުނިވަސިޓީން މައުލޫމާތު ދިން ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ދަރިވަރުންގެ ޔޫނިއަނެއް އުފެއްދުމަށް މި މަހުގެ 22 ވަނަ ދުވަހު އޮތް ޔުނިވަސިޓީ ކައުންސިލްގެ ޖަލްސާ އިން ވަނީ ނިންމާފަ އެވެ.
ގައުމީ ޔުނިވަސިޓީން މައުލޫމާތު ދީފައިވާ ގޮތުގައި ދަރިވަރުންގެ ޔޫނިއަނެއް އުފެއްދުމުގައި މައިގަނޑު ފަސް މަގުސަދެއް ހިމެނެ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމާއި، އިސްލާމީ ރޫހާއި ޑިމޮކްރަސީ އަދި ވަތަނީ ރޫހު އުފެއްދުމާއި އެކުވެރިކަން އާލާކުރުން ހިމެނެއެވެ.
އަދި ދަރިވަރުންގެ މެދުގައި އިޖުތިމާއީ ގުޅުންތައް ހިންގާނެ ފުރުސަތު ހޯދައި ދިނުމާއި އަތޮޅުތަކުން ޔުނިވަސިޓީ އަށް އަންނަ ކުދިންނަށް ފުރަތަމަ ދުވަސްވަރު ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުމަކީ ވެސް ޔޫނިއަން އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ނަމަ އެ ޔޫނިއަންގެ އިންތިހާބުގެ ކަންތައްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން މަގާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލެވޭނެ ކަމަށް ވެސް ގައުމީ ޔުނިވަސިޓީން މިއަދު ބުންޏެވެ.