04 Apr 2018, 21:21
މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް، ފްރާންސްގެ ގައުމީ އެއާލައިން އެއާ ފްރާންސުން ޕެރިހާ މާލެއާ ދެމެދު ދަތުރުކުރަން ބޭނުންކުރާ އެއާކްރާފްޓު އަޕްގްރޭޑުކުރުމަށް ނިންމައިފިއެވެ.
މިހާރު އެއާ ފްރާންސުން ރާއްޖެއަށް ފްލައިޓުތައް ބާއްވަނީ ބޮއިންގް 777ގެ 200-އީއާރު ވޭރިއަންޓުގެ އެއާކްރާފްޓެކެވެ.
ނަމަވެސް އެއާ ފްރާންސުން ބުނީ މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގް 9-787 ޑްރީމްލައިނާ އެއާކްރާފްޓު ކަމަށެވެ.
ބޮއިންގް 787 ޑްރީމްލައިނާ މަރުކާގެ އެއާކްރާފްޓަކީ 290 މީހުންގެ ޖާގަ އޮންނަ، އަދި ދިގު ރާސްތާ ދަތުރުތައް ކުރެވޭ، އެންމެ ރަނގަޅު އެއް އެއާކްރާފްޓެވެ. އެ ބޯޓަކީ ތެލުގެ ޚަރަދު ކުޑަ އެއާކްރާފްޓެވެ. ބޮއިންގް 787 ޑްރީމްލައިނާގެ ކެބިންގެ ޖާގަ ތަނަވަސް އިރު، ޖެޓު އެއާކްރާފްޓެއްގައި ހުންނާނެ އެންމެ ބޮޑު ކުޑަދޮރު ހުންނަނީ އޭގައެވެ.
އެއާ ފްރާންސުން ޕެރިހުގެ ޗާލް ދޮ ގޯލް އެއާޕޯޓާއި މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ކުރާ އިރު، މިވަގުތު ކުރަނީ ހަފްތާއަކު ދެ ދަތުރެވެ.
އެއާ ފްރާންސުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.