04 Apr 2018, 17:58
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުނއިން ކާޑުގެ އަގުތައް ހެޔޮކުރުމަށް ނިންމުމާ ގުޅިގެން މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.
ކާޑުގެ އަގު ހެޔޮކުރަން ނިންމިކަން އިއުލާންކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ.
ޝަހީރު ވިދާޅުވީ ކާޑުގެ އަގު ކުޑަކުރީ 2016 ވަނަ އަހަރު ކާޑަށް ދެމުން އައި ސަބްސިޑީ ކުޑަކުރުމުގެ ކުރިން ހުރި އަގަށް ކަމަށެވެ.
ސަބްސިޑީ ކުޑަކުރުމާ ގުޅިގެން ކާޑުގެ އަގުތައް ހުރީ ހަކުރު ކިލޯއެއް 6.80 ރުފިޔާއަށް، ހަނޑޫ ކިލޯއެއް 6.76 ރުފިޔާޢަށް އަދި ފުށް ކިލޯއެއް 5.26 ރުފިޔާއަށެވެ.
އެހެން ނަމަވެސް ސަރުކާރުން އަގަށް މިއަދު ގެނައި ބަދަލާ އެކު، މާދަމާއިން ފެށިގެން ކާޑު ވިއްކާނީ ހަކުރު ކިލޯއެއް 4.00 ރުފިޔާއަށް، ހަނޑޫ ކިލޯޢެއް 3.98 ރުފިޔާއަށް އަދި ފުށް ކިލޯޢެއް 2.98 ރުފިޔާއަށެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ 16 އޮކްޓޫބަރު 2016 ގައި ކާޑުގެ އަގުތައް ބޮޑުކުރުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުނު ކަމަށެވެ.
"މިއަދު އަގުތައް ހަމަޖެހިގެން ދިޔައީ އާންމު ރައްޔިތުންގެ ގިނަ ކޮންސާންތަކެއް ހުރީތީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެކަމާ ވިސްނަވައި، ރައީސް އޮފީހުން ނިންމި އަގުތަކަކަށް،" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 850،000 ރުފިޔާ ޚަރަދުކުރާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ކާޑުގެ އަގު ހެޔޮކުރި ނަމަވެސް އަތޮޅުތެރެއަށް ކާޑު ފޯރުކޮށްދިނުމަށް ނާލާއި މަޖޫރީ އަދި ފައިދާ ހިމެނޭ ގޮތަށް އެންމެ ގިނައިން ނެގޭނެ ޚަރަދުވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހއ، ހދ. އަދި ށ. އަތޮޅަށް އެންމެ ގިނަވެގެން ނެގޭނީ ކިލޯއަކަށް 1.02 ރުފިޔާ ކަމަށާއި، ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އެންމެ ގިނަވެގެން ނެގޭނީ ކިލޯއަކަށް 0.82 ރުފިޔާ ކަމަށާއި އަދި ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް އެންމެ ގިނަވެގެން ނެގޭނީ 1.21 ރުފިޔާ ކަމަށް ކަނޑައަޅާފައިވެއެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވީ މިއަދު ކާޑުގެ އަގަށް ގެނައި ބަދަލުތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ހިފެހެއްޓޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދެހާސް ސޯޅަވަނަ އަހަރުގެ އޮކްޓޫބަރު މަހު ކާޑުގެ އަގު ސަރުކާރުން ބޮޑުކުރި އިރު، ސަރުކާރުން ބުނީ އެކަން ކުރީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ފަދަ ބޭރުގެ އިދާރާތަކުން ދިން ލަފާގެ މަތިން ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން ވެސް އިންޓަނޭޝަނަލް ސިސްޓަމް ހަމަޖެހިފައި އޮތް ގޮތުން ތަކުގެ ބަސް ނޭހުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އިކޮނޮމިކް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.