28 Aug 2011, 14:02
ވޯލްޑް ފުޓުބޯލް ޗެލެންޖުގައި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާ ސިއްސުވާލި މެކްސިކޯގެ ޗިވާސް ގުއަޑަލަޖަރާ އަށް ކުޅެމުންއަންނަ އުލިސޭސް ޑަވިލާ ޗެލްސީއަށް ސޮއިކޮށްފި އެވެ.
އުމުރުން 20 އަހަރުގެ މެކްސިކޯ މިޑްފީލްޑަރު ޑަވިލާ އަކީ ޗެލްސީގެ ޒުވާން ކޯޗް ވިލަސް ބޮއަސް ކުލަބާއި ހަވާލުވިފަހުން ގެނައި ފަސްވަނަ ކުޅުންތެރިޔާ އެވެ. ޗެލްސީއަށް ސޮއިކުރި ފަސް ކުޅުންތެރިންނަކީ ވެސް ޒުވާން ކުޅުންތެރިންކަން ފާހަގަކޮށްލެވެ އެވެ. ވެލެންސިޔާއިން ގެނައި ހުއާން މަޓާއަށް ތޭވީސް އަހަރު ވެފައިވީއިރު ޗެލްސީއަށް ގެނައި އަނެއް ހަތަރު ކުޅުންތެރިންނަކީ ވިހި އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
މެކްސިކޯގެ ވިހި އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ޑަވިލާ ޗެލްސީއާއި ގުޅުނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ޑަވިލާ ޗެލްސީ އާއި ގުޅިފައިވާކަން އެކުލަބުގެ ޓެކްނިކަލް ޑިރެކްޓަރު މައިކަލް އެމެނަލޯ ކަށަވަރު ކޮށްދީފައި ވެއެވެ.
"ޑަވިލާއަކީ ބޮޑެތި ކުލަބުތަކަކުން ހޯދުމަށް މަސައްކަތްކުރާ ކުޅުންތެރިއެއް. އޭނާ ވަނީ މިދިޔަ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކާފަ. ޑަވިލާ ކުލަބާއި ގުޅުމުން އަހަރެމެން އެކަން އުފަލާއެކު ފާހަގަކުރަން. ޗިވާސްއަކީ މޮޅު ކުލަބެއް. އެވަރުގެ ކުލަބަކަށް ކުޅޭ ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަކީވެސް އުނދަގޫވާނެ ކަމެއް ނޫން." ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރު މައިކަލް އެމެނަލޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ޗިވާސް އިން ގެނައި ޖާވިއާ ހެނާންޑޭޒް ވެސް ވެފައިވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި ވިދާލި ކުޅުންތެރިޔަކަށެވެ. ހަމަ އެގޮތަށް ޗެލްސީ ކޯޗް ވިލަސް ބޮއަސް އުންމީދުކުރާނީ ޑަވިލާ އަކީވެސް ހެނާންޑޭޒް ފަދަ ކުޅުންތެރިއަކަށް ވާނެ ކަމަށެވެ.