އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވޯޓު ދިނީ މުހައްމަދު ސަލާހަށް ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފިއެވެ.

އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ލީގުގައި ކުޅޭ ހުރިހާ ކުޅުންތެރިންގެ ވޯޓުން ހޮވާ މަގާމެކެވެ. އަމިއްލަ ކްލަބުގެ ކުޅުންތެރިންނަށް ވޯޓު ނުދެވޭ ގޮތަށް އޮންނަ އިރު، އާއްމުކޮށް އެންމެ ވާދަވެރި ދެ ކުޅުންތެރިން އެކަކު އަނެކަކަށް ވޯޓު ނުދެއެވެ.

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ބޮޑަށް ވިދާލި ދެ ކުޅުންތެރިންނަކީވެސް ސިޓީގެ ޑި ބްރޭނާއާއި ސަލާހެވެ. މުޅި ލީގުގައިވެސް ފޯމް ގެއްލުމެއްނެތި ދެ ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ލީގު ތާވަލުގައި ސިޓީން ބޮޑު ލީޑެއްގައި އޮތްއިރު، ބާކީ އޮތީ ހަ މެޗެވެ. ލީގު ކަށަވަރު ކުރުމަށް އެ ހަ މެޗުގެ ތެރެއިން ސިޓީ ހޯދަން ޖެހެނީ އެންމެ މޮޅެކެވެ.

ލީގުގައި ސިޓީ އޮތް މަގާމަށް ބަލާ އިރު، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުން އެންމެ ގާތީ ޑި ބްރޭނާ ނަމަވެސް ސަލާހް އަންނަނީ ހުއްޓުމެއް ނެތި ތަފާތު ދައްކަމުންނެވެ. އެގޮތުން ސަލާހްވަނީ ލީގުގައި ކުޅުނު 31 މެޗުން 29 ޖަހައިފައެވެ.

"އަހަރެން އިންސާފުން ވޯޓު ދިނީ. އޭނާއަށް ހައްގުވާނެ މޮޅު ކުޅުންތެރިޔާ. އަމިއްލަ ޓީމުގެ ކުޅުންތެރިންނަށް ވޯޓު ނުދެވޭނަމަ އަހަންނަށް ފެނުނީ ސަލާހް އެކަނި ދެން. އެ މަގާމު ހައްގުވާ،" ޑިބްރޭނާ ބުންޏެވެ.

މި ސީޒަންގައި މޮޅަށް ކުޅެމުންދާ ސިޓީއަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ފާހަގަ ކުރެވެނީވެސް ލިވަޕޫލްއެވެ. މި ސީޒަންގެ ލީގުގައި ސިޓީ މިހާތަނަށް ވެފައިވަނީ އެންމެ ބައްޔެކެވެ. އެއީވެސް ލިވަޕޫލާ ދެކޮޅަށް ކުޅެގެންނެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި ސިޓީއާއި ލިވަޕޫލް ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ލިވަޕޫލުން ސިޓީ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.