04 Apr 2018, 21:41
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ރޯމާ މިރޭ ނުކުންނާނެއެވެ.
މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޯމާ އަދި އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު، ލޮރެންޒޯ ޕެލެގްރީނީ ބުނީ ބާސެލޯނާގެ ތަރި، ލިއޮނަލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނަމަވެސް އޭނާ ހުންނަ ޓީމުތައްވެސް ބަލިކުރެވޭނެ ކަމަށެވެ.
"މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެކަމަކު އޭނާވެސް ބަލިވާނެ. އޭނާއަށްވެސް ބައްޔާ ކުރިމަތިލާން ޖެހޭ. އެހެންވީމަ ރޯމާއިން ބާސާ ބަލިކުރާނެ ކަމަށް އަހަންނަށް ފެންނަނީ. ބަލިކުރެވޭނެ،" ޕެލެގްރީނީ ބުންޏެވެ.
އަނިޔާގެ ސަބަބުން އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާ ކުޅުނު މެޗުގައި މެސީ ނުކުޅުނު ނަމަވެސް، ބާސާއިން ބުނެފައިވަނީ މިރޭގެ މެޗަށް މެސީ ހުރީ ފިޓްކޮށް ކަމަށެވެ.
މެސީގެ ހުނަރާ ގުޅިގެން ޕެލެގްރީނީ ބުނެފައިވަނީ މެސީއާ ދެކޮޅަށް ދަނޑުމަތީގައި ކުޅުމަށް ލިބޭ ފުރުސަތަކީވެސް ބޮޑު ޝަރަފެއް ކަމަށާއި، އަދި މެސީއާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ލިބޭނެ އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ.

ރޯމާގެ މިޑްފީލްޑަރު ޕެލެގްރީނީ --- ފޮޓޯ/ ގެޓީ
"ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ލިބޭ ހިތްވަރެއް. އެ ކުޅުންތެރިންނާއެކު ދަނޑުމަތީގައި ހުރެލުމަކީވެސް ލިބޭ ޝަރަފެއް. މެސީއާއެކު ނުކުންނަ ޓީމެއް ބަލިކުރެވިއްޖެއްޔާ އެތައް ބަޔަކު އެވާހަކަ ދައްކާނެ. ގިނަ ބަޔަކު ބޭނުންވެސް ވާނެ އެކަން،" ޕެލެގްރީނީ ބުންޏެވެ.
ބާސާއާއި ރޯމާ އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ 2015 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައެވެ. އެ އަހަރު ރޯމާ ދަނޑުގައި ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ބާސާ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ.
މިސީޒަންގައި ބާސާ ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، މެސީ ހުރީ ތަފާތު ފޯމެއްގައެވެ. މިސީޒަންގައި އޭނާ ކުޅުނު 44 މެޗުން 36 ގޯލް ޖަހައިފައިވެއެވެ. އަދި ބާސާއަށް ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިދިނުމުގައި މެސީގެ ދައުރު ބޮޑެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ ލެގުގައިވެސް މެސީ ވަނީ ގޯލް ޖަހައިފައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގައި ބާސާއާ ދެކޮޅަށް ރަށުން ބޭރުގައި ރޯމާ ނުކުންނާނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ.