04 Apr 2018, 15:58
މަޖޫރީންގެ ބަދަލުގައި މުދާ ކްލިއާ ކޮށްދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓީމެއް ނެރެން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
މުދާ ކްލިއާ ކުރަން ސަރުކާރުން ޓީމެއް ނެރެން ޖެހިދާނެ ކަމަށް ވިޔަފާރިވެރިންނަށް އަންގާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ހަލީމް މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތް ވާގޮތުގެ މަތިން އެމްޕީއެލްއިން މުދާ ކްލިއާ ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން މުދަލުގެ އަގު ބޮޑުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ސައީދު ވިދާޅުވީ މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބު ހުއްޖަތެއްގެ ގޮތުގައި ދައްކައިގެން މުދަލުގެ އަގު ބޮޑުކުރާނަމަ އެފަދަ ވިޔަފާރިތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭނާ ވެސް ވިދާޅުވީ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް މުދާ ކްލިއާކުރަން ޖެހިއްޖެނަމަ މި ސަރުކާރުން އެކަން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށެވެ.
މުދާ އުފުލުމުގެ އައު ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ދިމާވާ ދަތިތަކާ ބެހޭގޮތުން މިނިސްޓަރު ސައީދު ވަނީ ދެތިން ފަހަރެއްގެ މަތިން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެ މަޝްވަރާތަކަށްފަހު ވިޔަފާރިވެރިންގެ ބައެއް ކަންބޮޑުވުންތަކަށް ސަރުކާރުން ވަނީ ހައްލު ހޯދައިދީފައެވެ.
މިއަދުގެ ވަގުތެއްގައި މިނިސްޓަރު ސައީދު ވަނީ މުދާ އެތެރެކުރާ ފަރާތްތަކާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.