މެންޗެސްޓާ ސިޓީގެ އާޖިންޓީނާ ފޯވަޑް، ސާޖިއޯ އަގުއޭރޯ ހުރީ އަނިޔާގައި ކަމަށާއި، ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުފެންނާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އަގުއޭރޯގެ ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ލިވަޕޫލްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޓީމާއެކު މާސީ ސައިޑަށް ނުދާ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

އަގުއޭރޯ އެންމެފަހުން ކުޅެފައިވަނީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުގައެވެ. އޭގެ ފަހުން އަނިޔާގެ ސަބަބުން ނުކުޅެ ހުރި އަގުއޭރޯ، އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާއިން ކުޅުނު ދެ މެޗުގައިވެސް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ސިޓީގެ މެޑިކަލް ޓީމުން ކުރިން ބުނެފައިވަނީ މިރޭގެ ޗެމްޕިއަންސް ލީގު މެޗަށް އަގުއޭރޯ ފިޓްވާނެ ކަމަށެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައިވަނީ މިރޭގެ މެޗަށް އަގުއޭރޯ ފިޓް ނޫން ނަމަވެސް، މި އަންނަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗުގައި އަގުއޭރޯ ފެނިދާނެ ކަމަށެވެ.

އަގުއޭރޯއަކީ ސިޓީގެ ތާރީހުގައިވެސް އެޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ ސިޓީއަށް ކުޅުނު 204 މެޗުން 143 ގޯލް ޖަހައިދީފައެވެ.

ޕްރިމިއާ ލީގުގައި ބާކީ ހަ މެޗު އޮތްއިރު، އެންމެ މޮޅަކާއެކު ސިޓީއަށް ލީގު ކަށަވަރުވާނެއެވެ. ލީގުގައި މިހާތަނަށް ސިޓީ ބަލިވެފައިވަނީ އެންމެ މެޗެއްގައެވެ. އެއީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އަގުއޭރޯ އަނިޔާގައި ހުރުމުން މިރޭގެ މެޗުގައި ސިޓީގެ ފޯވަޑް ލައިނުން ފެންނާނެ ކަމަށް ބެލެވެނީ ބްރެޒިލްގެ ޒުވާން ފޯވަޑް، ގެބްރިއަލް ޖީސަސްއެވެ.