ފީފާގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ގެޒްޕްރޮމްގެ ފަރާތުން ވޭތުވެދިޔަ ފަސް އަހަރުވެސް ކުރިއަށް ގެންގޮސްފައިވާ "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ރަޝިޔާގެ މޮސްކޯގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މިއަހަރުގެ ހަރަކާތްތަކުގައި ދިވެހި ދެ ކުއްޖަކު ބައިވެރިވާނެއެވެ.

މިދިޔަ ފަސް އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ އެކިއެކި ގައުމުތައް ތަމްސީލުކުރާ ހާއްސަ ފުޓުބޯޅަ މުބާރާތެއްގެ އިތުރުން، މައުލޫމާތު ސެޝަންތަކާއި، ފޯރަމްތައްވެސް ކުރިއަށް ގެންދާނެއެވެ.

މިދިޔަ އަހަރުގެ ކުރިއަށްދިޔަ "ފުޓްބޯލް ފޯ ފްރެންޑްޝިޕް" ފުޓުބޯޅަ މުބާރާތުގައި 64 ގައުމެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މިއަހަރުގެ މުބާރާތުގައި 211 ގައުމަކުން ކުޅުންތެރިން ބައިވެރިވާނެއެވެ. ވޯލްޑް ކަޕްގެ ފޯމެޓަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ 32 ޓީމުގައި ކުޅޭނީ އެކިއެކި ގައުމުތަކުގެ ކުޅުންތެރިންނެވެ. އެކި ގައުމުތަކުން ޓީމުތަކުގެ މަގާމުތަކަށް ކުޅޭ ކުޅުންތެރިން މުބާރާތަށް ފޮނުވުމަށް ހަމެޖެހިފައިވާ އިރު، ގައުމުތަކުން ކުޅުންތެރިން ފޮނުވާނެ މަގާމު އަދި ޓީމު ހޮވާފައިވަނީ ގުރުއަތު ނަގައިގެންނެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތަކުގައި ރާއްޖެއިން ބައިވެރިވާނީ ދެ ކުއްޖެއެވެ. އެއް ކުއްޖަކީ 12 އަހަރުން ދަށުގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އަނެއް ފުރުސަތު ލިބިގެންދަނީ 12 އަހަރުން ދަށުގެ ޖާނަލިސްޓަކަށެވެ.

ރާއްޖެއިން ވާދަކުރާ ކުޅުންތެރިޔާ ހިމެނެނީ "ވޭލް ޝާކު" ޓީމުގައެވެ. ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެ ޓީމަށް ޑިފެންޑަރެއް ފޮނުވުމުގެ ފުރުސަތެވެ. އޭނާއާއެކު ޓީމުގައި ދެން ހިމެނެނީ ބުރުނާއީ ކީޕަރެއްގެ އިތުރުން ކޭޕް ވާޑް އައިލެންޑްސްގެ ޑިފެންޑަރެއް، ހޮންޑޫރަސް އަދި ބޮސްނިއާގެ މިޑްފީލްޑަރެއްގެ އިތުރުން ލުބުނާނުގެ ފޯވަޑެކެވެ.

މި ފުރުސަތާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފައިވަނީ، ރާއްޖެއަށް ލިބުނު ފުރުސަތަަށް ކުއްޖަކު ހޯދުމަށް ފުރުސަތު ހުޅުވާލީ އެކަޑެމީތަކަށް ކަމަށެވެ. އަދި އެކަޑެމީތަކަށް ބެލުމަށްފަހު، ރާއްޖެއިން ދާނެ ޑިފެންޑަރު ހޯދައިފައިވާ ކަމަށާއި، އެ ކުޅުންތެރިޔާގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގައި ކުރިއަށްދާ ހަރަކާތްތައް ކަވަރު ކުރުމަށް 5،000 އަށްވުރެ ގިނަ މީޑިއާގެ އައުޓްލެޓުން ހަރަކާތްތެރިވާ އިރު، "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގައި ކުދިން ބައިވެރިކުރާ 211 ގައުމެއްގެ 12 އަހަރުން ދަށުގެ ޖާނަލިސްޓުންނަށް ހާއްސަ ޕްރެސް ސެންޓަރެއްގައި އެ ކުދިންނަށް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދާނެއެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތަކަށް އދ. އިންވެސް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވާ އިރު، ރާއްޖެއަށް އެފަދަ ފުރުސަތެއް ލިބުމާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، "ފުޓްބޯލް ފޯ ފްރެންޑްޝިޕް" ފަދަ ހަރަކާތެއްގައި ދިވެހި ކުދިން ބައިވެރިވެގެން ދިޔުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެ ހަރަކާތަށް ދިވެހި ފުޓުބޯޅައަށް ލޯބިކުރާ އެންމެންވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އަންނަ ޖޫން މަހު ރަޝިޔާގައި ބާއްވާ "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތަކުގައި ހިމެނޭ މުބާރާތަށް ދާ ޓީމުތަކަށް ހާއްސަ ކޯޗިން ތަމްރީނުތަކެއް ދޭނެއެވެ. އެގޮތުން އެ ޓީމުތައް ތަމްރީނު ކުރާނީ 19 ގައުމަކުން ފޮނުވާ ކޯޗުންނާއި، ރަޝިޔާގައި ވޯލްޑް ކަޕް މެޗުތައް އޮންނަ 11 ސިޓީއަކުން ނަގައި ކޯޗުން އަދި މިދިޔަ އަހަރު މުބާރާތުގެ އެންމެ މޮޅު ދެ ކޯޗުންގެ އެހީގައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި، އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ރަޝިޔާގައި ފަށާނީ ޖޫން 14 ވަނަ އަހަރުގައެވެ.