04 Apr 2018, 14:48
މިދިޔަ މާޗް މަހު މީރާ މެދުވެރިކޮށް ދައުލަތައް ލިބުނު ޖުމްލަ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޑޮލަރުން ކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން އާންމުކޮށްފައިވާ މާޗު މަހުގެ މާލީ ބަޔާނުގައި ވާގޮތުން މިދިޔަ މަހު މީރާއަށް ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. އަދި ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 71.2 މިލިއަން ޑޮލަރެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ގިނައިން ލިބުނީ ޖީއެސްޓީއެވެ. އެއީ 35.1 މިލިޔަން ޑޮލަރެވެ. ދެން އެންމެ ގިނައިން ޑޮލަރު ލިބުނީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީއަށެވެ. އެއީ 21 މިލިޔަން ޑޮލަރެވެ. ގްރީން ޓެކްސްގެ ގޮތުގައި 4.9 މިލިޔަން ޑޮލަރު ލިބުނު އިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 3.8 މިލިޔަން ޑޮލަރު ލިބިފައިވެއެވެ.
މީރާގެ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުގައި ވާގޮތުން މާޗްމަހު ލިބިފައިވާ 1.5 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މާޗް މަހު ލިބުނު 1.3 ބިލިއަން ރުފިޔާއަށްވުރެ 16.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ މަހަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 23 ޕަސެންޓް އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުންޏެވެ.
މީރާއިން ބުނީ، އާމްދަނީ އިތުރުވާން މެދުވެރިވި ސަބަބަކީ ރާއްޖެ އައި ފަތުރުވެރިން ގިނަވުމުގެ ސަބަބުން ޓީޖީއެސްޓީ އިތުރުވުމާއި، ޖީއެސްޓީއާއި ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުން ކަމަށެވެ. އޭގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްގެ ގޮތުގައި ފައިސާ ލިބުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވާން ދިމާވި ސަބަބެއްކަމަށް މީރާއިން ބުންޏެވެ.
މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާއެވެ. އެއީ ޖުމްލަ އާމްދަނީގެ 50.7 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ހޯދައިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެއީ ޖުމްލަ އާމްދަނީގެ 21 ޕަސެންޓެވެ.