ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި، ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ މިނިވަން ކޮމިޓީއަކުން މެމްބަރުން މުސާރަ އެކުލަވާލަން ޖެހޭ ގޮތަށް ގައުމީ ޕާޓީން މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

ގައުމީ ޕާޓީން ބުނީ، "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ބިލު"ގެ ބޭނުމަކީ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް ގާއިމްކުރުން ކަމަށާއި ހިނގަމުންދާ މަޖިލީހެއްގެ މެމްބަރުންނަށް އަމިއްލަ އަށް މުސާރަ ބޮޑު ނުކުރެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. އަދި ގައުމުގެ ފުދުންތެރިކަމާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރައާއި ފަރުދުންނަށް ލިބިދޭ އާމްދަނީ އަށް ރިއާޔަތް ކުރުމަށް ފަހު މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅޭނެ ގޮތެއް ހަމަޖެއްސުން ކަމަށް ވެސް އެޕާޓީން ބުނެ އެވެ.

ގައުމީ ޕާޓީން އެކުލަވާލާފައިވާ ބިލުގައިވާ ގޮތުގައި، މެމްބަރުންގެ މުސާރަ ކަނޑައަޅަން ވާނީ ގާނޫނުގެ ދަށުން އުފައްދާ "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގައި މަޝްވަރާދޭ ކޮމިޓީ"ގެ މަޝްވަރާގެ މަތިންނެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލާއި ފައިނޭންޝަލް ކޮންޓްރޯލަރާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅާ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާއެއްގެ އިސްވެރިއަކާއި ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާއެއްގެ އިސްވެރިޔެކެވެ.

އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަ ވާނީ މަޖިލީހުގެ ރައީސެވެ. އިދާރީ ހުރިހާ ކަމެއް ހަވާލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީއާ އެވެ. ކޮމިޓީގައި ބައިވެރިވާތީ އެއްވެސް ފަރާތަކަށް މުސާރައެއް ނުވަތަ އެލަވަންސެއް ނޯންނާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ރައީސް ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް އެކުލަވާލާފައިވާ އެ ބިލުގައިވާ ގޮތުގައި ކޮންމެ ހަތަރަކުން އެއް އަހަރު މަޝްވަރާދޭ ކޮމިޓީން މަޖިލިސް މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް، ރިޕޯޓެއް އާއްމުކުރަން ޖެހެ އެވެ. އެ ރިޕޯޓުގައި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ސަބަބުތަކާ އެކު ކޮމިޓީން ބަޔާންކުރަން ޖެހެ އެވެ.

ހިނގަމުންދާ މަޖިލީހެއްގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް ލަފާ ނުދެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ކޮމިޓީގެ ރިޕޯޓް ޝާއިއުކުރާތާ 120 ދުވަހުގެ ތެރޭގައި ރިޕޯޓާ މެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހު ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް ބިލުގައިވެ އެވެ. އެގޮތުން ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ނަމަ ކޮމިޓީއަށް އަނބުރާ މައްސަލަ ފޮނުވާލެވޭނެ އެވެ.

ނަމަވެސް، ބިލުގައިވާ ގޮތުން ކޮމިޓީގެ ހުށަހެޅުމަށް އުނިއިތުރު ކުރެވޭނީ 10 ޕަސަންޓެވެ.