ތުރުކީގައި ފުރަތަމަ ފަހަރަށް އަޅާ ނިއުކްލިއާ ޕަވަރ ޕްލާންޓުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ޕަވަރ ޕްލާންޓަކީ ރަޝިއާގެ އެހީގައި އަޅާ ޕްލާންޓެކެވެ.

މި މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަދި ރަޝިއާގެ ރައީސް ވްލަޑީމިރް ޕޫޓިންއެވެ.

ގާތްގަނޑަކަށް 20 ބިލިޔަން ޑޮލަރުގެ މި ނިއުކްލިއާ ޕަވަރ ޕްލާންޓު އަޅަނީ ތުރުކީގެ ދެކުނުގެ މެރްސިންް ޕްރޮވިންސްގައެވެ.

ތުރުކީގެ މި ޕަވަރ ޕްލާންޓު އެޅުމުގެ މަސައްކަތް ކުރަނީ ރަޝިއާ ސަރުކާރުގެ ނިއުކްލިއާ އެނާޖީ އޭޖެންސީ، "ރޮސަޓޮމް"އިންނެވެ. މި ޕްލާންޓުގައި ހިމެނެނީ 1،200 މެގަވޮޓުގެ ކަރަންޓު އުފައްދާ ހަތަރު ޔުނިޓެވެ. އެއީ ޖުމްލަ 4،800 މެގަވޮޓުގެ ކަރަންޓެވެ. ނުވަތަ މުޅި ތުރުކީގެ ކަރަންޓު ޑިމާންޑުގެ 10 ޕަސަންޓަށް ފޯރުކޮށްދެވޭނެ މިންވަރެކެވެ.

މި ޕަވަރ ޕްލާންޓަކީ ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންގެ 2023 ގެ ތަސައްވަރުގެ ދަށުން އަޅާ ޕްލާންޓެކެވެ. ރައީސް އުރުދުޣާނުގެ "2023 ތަސައްވަރު" ބިނާވަނީ ތުރުކީގެ ދައުލަތް އުފެދުނުތާ 100 އަހަރު ފާހަގަކުރުމަށެވެ.

މެރްސިން ޕްރޮވިންސްގައި އަޅާ ތުރުކީގެ ފުރަތަމަ ނިއުކްލިއާ ޕަވަރ ޕްލާންޓު އެޅުމުގެ ކޮންޓްރެކްޓު ރަޝިއާއަށް އެވޯޑުކުރީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ގުޅިގެން އެ މަޝްރޫއު ލަސްވަމުން ދިޔައީއެވެ.