އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް އަނބުރާ ފޮނުވާލަން ނިންމާފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ބުނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކުގެ ތެރެއިން އައްޑޫ ސިޓީގައި އޮތް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ ހެލިކޮޕްޓަރުގެ އެއްބަސްވުން ހަމަވެ، އެ އެއްބަސްވުން އާ ކުރަން ދިވެހި ސަރުކާރުން ބޭނުން ނުވާތީ ކަމަށެވެ. މީގެ ކުރިން އެ އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރާކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވަލާދީ އެ ނޫހުން ބުނެފައިވަނީ ހެލިކޮޕްޓަރުގެ ބަދަލުގައި ދިވެހި ސަރުކާރުން ބޭނުން ވަނީ، ޑޯނިއާ ސާވެއިލެންސް އެއާކްރާފްޓެއް ކަމަށެވެ. އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ފޮނުވާލި ނަމަވެސް ލާމުގައި އޮތް ހެލިކޮޕްޓަރު ފޮނުވާ ނުލާނެކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ހެލިކޮޕްޓަރު ފޮނުވާލާ ސަބަބުު ހޯދަން ދިވެހި ސަރުކާރުގައި އެދުނު ނަމަވެސް ރަސްމީ ޖަވާބެއް އިންޑިއާ ސަރުކާރަށް އަދި ނުލިބޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުމަށް އިންޑިއާ ސަރުކާރުން ދޭ އެހީ ޓައިމްސް އޮފް އިންޑިއާގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.