04 Apr 2018, 10:22
ގޫގްލްއިން ހިންގާ ވީޑިއޯ ޝެއާރިންގް ޕްލެޓްފޯމް "ޔޫޓިއުބު"ގެ މައި އޮފީސް ކައިރީގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި ތިން މީހަކު ޒަޚަމް ވެއްޖެއެވެ.
މި ހާދިސާގައި ބަޑި ޖެހި މީހާ ވަނީ އަމިއްލަ ހަށިގަނޑަށް ބަޑި ޖެހުމަށްފަހު މަރުވެފައެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ހުންނަ، ދުނިޔޭގެ ޓެކްނޮލޮޖީގެ މައި ނާރެހުގެ ގޮތުގައި ފާހަގަކުރެވޭ ސިލިކޮން ވެލީގައި ހުންނަ ޔޫޓިއުބު ހެޑްކުއާޓާސް ކައިރީގައި ބަޑި ޖެހީ ނަސީމް އަޣްދާމް ކިޔާ 39 އަހަރުގެ އަންހެނެއް ކަމަށް އެމެރިކާގެ މީޑިއާގައި ރިޕޯޓުކުރެއެވެ.

ނަސީމް އަޣްދާމް ---
މި ހާދިސާގައި ވަޒަން އަރައި، ޒަޚަމްވީ 36 އަހަރުގެ 36 އަހަރުގެ ފިރިހެނެއްގެ އިތުރުން، 32 އަހަރާއި 27 އަހަރުގެ ދެ އަންހެނުންނެވެ.
ހޭންޑްގަންއެއް ބޭނުންކޮށްގެން އޭނާ ޔޫޓިއުބު ހެޑްކުއާޓާޒް ބޭރުގައި ބަޑި ޖެހުމާ އެކު، މުޅި ސަރަހައްދު ހަލަބޮލިވެގެން ދިޔަ ކަމަށް ކެލިފޯނިއާގެ ސެން ބްރޫނޯގެ ފުލުހުންގެ ޗީފް އެޑް ބާބެރީނީ ވިދާޅުވިއެވެ.
ޔޫޓިއުބު ކައިރީގައި ބަޑި ޖެހި ނަސީމްއަކީ ޔޫޓިއުބު ޗެނަލެއް ހިންގަމުން ދިޔަ މީހެކެވެ. އޭނާގެ ބައެއް ވީޑިއޯތައް ޔޫޓިއުބުން ފިލްޓަރ ކުރާތީ އޭނާ ވަނީ ބައެއް ވީޑިއޯތަކުގައި ޔޫޓިއުބަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އޭނާގެ އަމިއްލަ ވެބްސައިޓުގައި ޔޫޓިއުބަށް ފާޑު ކިޔައި، އޭނާގެ ވީޑިއޯއަށް ވިއުސް ލިބުމަށް ޔޫޓިއުބުން ހުރަސް އަޅާކަމަށް ތުހުމަތުވެސް ކޮށްފައި ވެއެވެ.
ބަޑި ޖެހި ހާދިސާއަށްފަހު ޔޫޓިއުބުން ވަނީ ނަސީމްގެ ޔޫޓިއުބު ޗެނަލް ރިމޫވްކޮށްފައެވެ. އަދި ފޭސްބުކްއިން ވަނީ އޭނާގެ ފޭސްބުކް އެކައުންޓާއި އިންސްޓަގްރާމްވެސް ރިމޫވްކޮށްފައެވެ.