04 Apr 2018, 11:24
މިމަހު 19 އިން 26އިން ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީ މުބާރާތަށް ދާ ގައުމީ ވޮލީ ޓީމުގެ ސްކޮޑު އިއުލާންކޮށް، ކެޕްޓަނެއްގެ ގޮތުގައި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖައްސައިފިއެވެ.
ލޯންގޭއަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެ، ރާއްޖޭގެ ވޮލީގައި އެންމެ ތަޖުރިބާ ބޮޑު އެއް ކުޅުންތެރިޔާއެވެ. ކެޕްޓަނަކަށް ލޯންގޭ ހަމަޖައްސައިފައިވާ އިރު، ގައުމީ ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސައިފައި ވަނީ އަލީ ހުޒާމް (ހުޒާންޓެ)އެވެ.
ގައުމީ ޓީމުގެ ޖާޒީ ހަވާލުކުރުމަށާއި ޓީމުގެ ސްކޮޑަށް ހިތްވަރު ދިނުމުގެ ގޮތުން ރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ހަފްލާގައި، ފަރިތަކުރުންތަކަށް 100 ޕަސެންޓް ހާޒިރުވި ތިން ކުޅުންތެރިއަކަށް ހާއްސަ ހަދާނީލިއުމެއްވަނީ ދީފައެވެ.
މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ޓީމު ފަރިތަކުރަމުންދާ އިރު، މިއަހަރު ފެންނަނީ ޒުވާން ޓީމެކެވެ. ހާއްސަކޮށް ފަރިތަކުރުންތަކުގައި ޓީމުގެ ހާޒިރީ ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެވަރޭޖް އެޓެންޑެންސަކީ 98 ޕަސެންޓެވެ.
ގަވާއިދުން 100 ޕަސެންޓް ޕްރެކްޓިސްއަށް ހާޒިރުވި ކުޅުންތެރިންނަކީ، ޝަންވާޒް އަބްދުﷲ، އިއުޖާޒް މުހައްމަދު އަދި ޔޫސުފް ޝަމާންއެވެ.
ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އައި އިޝާން މުހައްމަދު (ބަޓިސް) ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، މިފަަހަރުގެ ސްކޮޑުގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި މުހައްމަދު ޝާއިން (ޝާއިންޓޭ) އަދި އަޝްފާގު އާދަމް (އައްކަޅޭ) ވެސް ހިމެނިފައެއް ނުވެއެވެ.
ގައުމީ ވޮލީ ޓީމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިޔާ، ކުޑަ ކާއްޓޭ މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވަނީ އާއިލާ ކަންކަމަށް ވަގުތު ދިނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ބޭނުން ވެގެން ކަމަށް ވީއެމްއިންވަނީ ކުރިން ބުނެފައެވެ.
ރޭގެ ރަސްމިއްޔާތުގައި ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، ސްޕޯޓްސް ކައުންސިލްގެ ރައީސް، އަބްރާހީމް އިސްމާއީލެވެ. އަދި ފަރިތަކުރުންތަކުން 100 ޕަސެންޓް އެޓެންޑެންސް ހޯދި ކުޅުންތެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އޮލިމްޕިކްސް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މަރުޒޫގެވެ.
މީގެ އިތުރުންވެސް ރޭގެ ހަފްލާގައި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި އޭވީސީ މެމްބަރު މުހައްމަދު ލަތީފާއި، ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސް، މުހްސިން ހަމީދު (ޖޭފޯ)ވެސް ވަނީ ބައިވެރިވެ ލައްވައިފައެވެ.
ރާއްޖޭގެ ގައުމީ ވޮލީ ޓީމު، މިމަހުގެ ހަތްވަނަ ދުވަހު ތަމްރީނު ކޭމްޕެއްގައި ތައިލެންޑަށް ފުރާއިރު، 19 ވަނަ ދުވަހު ބަންގާޅަށް ދާނީ ތައިލެންޑުންނެވެ.

ގައުމީ ވޮލީ ޓީމު --- ފޮޓޯ/ ވީއޭއެމް
ގައުމީ ވޮލީ ޓީމުގެ ސްކޮޑު:
ހުސައިން ވިޝާމް (ބުޅިކޭ)
ހަސަން ނިލާމް
އާދަމް ނަސީމް
އަހުމަދު އަނިލް ނަސީރު
އަލީ މައުރޫފް (ސަންޑޭ)
އަލީ ހުޒާމް (ހުޒާންޓެ)
މުހައްމަދު މިމްރާހް
އަހުމަދު ޝިމާއު
މުހައްމަދު މިމްރާހް ހަސަން
އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)
ޝުއައިބު އަބްދުލް ލަތީފް
އާދަމް ފައިރޫޒް
މުހައްމަދު ނައީމް
އަލީ ޖަވާމް