04 Apr 2018, 10:10
މިސްރުގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ ހޯއްދެވި ކާމިޔާބީ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ދަންނަވައިފިއެވެ.
ބޮޑު ވާދަވެރިކަމެއް ނެތި ކުރިއަށްދިޔަ މި އިންތިހާބުގައި ސީސީ އަށް 97 ޕަސެންޓު ވޯޓު ލިބިލެއްވިއެވެ.
މިދިޔަ ހަފްތާގައި ތިން ދުވަހަށް ބޭއްވި އެ އިންތިހާބުގައި ބައިވެރިވެފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 41.5 ޕަސެންޓު މީހުން ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައި 47 ޕަސެންޓު މީހުން ބައިވެރިވެފައިވެ އެވެ.
ސީސީ އަށް ފޯނުން ގުޅުއްވައި ޓްރަމްޕް ވަނީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ދަންނަވައިފައެވެ. އަދު ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރުމަށް ވަނީ ދައުވަތު ދެއްވައިފައެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ އެންމެ ބޮޑު އެއްވާދަވެރިޔާ، ރަޝިއާގެ ރައީސްކަމަށް އެގައުމުގެ ރައީސްކަން ކުރައްވަމުން ގެންދެވި ޕުޓިން އިންތިހާބުވުމުންވެސް މަރުހަބާ ދަންނަވައިފައެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕް އަށް ފާޑު ކިޔައިފައެވެ.