ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ލީކުކުރަން އުޅުނުކަމުގެ ތުހުމަތުގައި މިޔަންމާގަައި ހައްޔަރުކޮށްފައިތިބި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ވަކީލުންގެ ޓީމާ މަޝްހޫރު ހިއުމަން ރައިޓްސް ވަކީލާ އަމާލު ކްލޫނީ ގުޅިވަޑައިގެންފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވާ ލޯން، 31 އާއި ކިޔޯ ސޯ އޫ، 28 އެވެ. މި ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ޖެނުއަރީ މަހު ވަނީ ބާއްވައިފައެވެ. ކޮލޯނިއަލް އީރާ އޮފިޝަލްސް ސީކްރެޓް އެކްޓްގެ ދަށުން މި ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

މި ދެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔައީ މިޔަންމާގެ ރާކިންގައި 10 މީހަކު މަރާލި ހާދިސާގެ އިންވެސްޓިގޭޝަން ރިޕޯޓެއް ލިޔުމަށް ބޭނުންވާާ މައުލޫމާތު ހޯދުމަށެވެ. އެ ހާދިސާ އާއި ގުޅޭ މައުލޫމާތު މި ދެ ނޫސްވެރިން ވަނީ ރިޕޯޓުކޮށްފައެވެ.

ރާކިްނ ސްޓޭޓުގައި ހިންގި ގަތުލު އާންމުތަކާއެކު އެ ސަރަހައްދު ދޫކޮށް ހަތްސަތޭކަ ހާސް މީހުން ވަނީ ބަނގްލަދޭޝް އަށް އެތެރެވެފައެވެ.

މި ދެ ނޫސްވެރިންގެ ވަކީލުންގެ ޓީމާ ގުޅިވަޑައިގަތުމަށްފަހު، އަމާލް ގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ބުނީ އެ ދެ ނޫސްވެރިންގެ ކޭސް ރިޕޯޓުތައް ބައްލަވައިފި ކަމަށާއި އެ ދެ މީހުންގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. އަދި އެ ދެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭކަމަށްވެސް އަމާލް ވަނީ ވިދާޅުވެފައެވެ.

"މި މައްސަލަ ކުރިއަށް ދާއިރު މިިޔަންމާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިޖްތިމާއީ އަދާލަތު އޮތް ހިސާބު އެނގޭނެ،" އަމާލްގެ ފަރާތުން ނެރުއްވި ބަޔާނުގައި ވެއެވެ.