04 Apr 2018, 09:57
ރާއްޖޭގައި ބޭއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގައި ވާދަކުރާ ޓީމުތަކުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.
މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން މާޗު 31 ވަނަ ދުވަހުގެ ރޭ ނިމިފައިވާ އިރު، ކޮންމެ ގްރޫޕަކުންވެސް ގަދަ 16އަށް ދަތުރުކުރީ އެއްވަނަ އަދި ދެވަނަ ޓީމެވެ.
މުބާރާތުގެ ގަދަ 16ގެ ގުރުއަތުލުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ރޭ މާބުލް ހޮޓަލްގައި ކުރިއަށް ގެންގޮސްފައިވާ އިރު، ގުރުއަތުލުމުގައި ޓީމުތައް ބަހައިލައިފައިވަނީ ހަތަރު ޕޮޓަކަށެވެ. ގްރޫޕް އޭ، ބީ، ސީ އަދި ޑީގެ އެއްވަނަ ޓީމުތައް އެއް ޕޮޓެއްގައި ހިމެނުނު އިރު، އެ ޕޮޓުގެ ޓީމުތައް ވާދަކުރަން ޖެހޭނީ ގްރޫޕް އީ، އެފް، ޖީ އަދި އެޗުގެ ދެވަނަ ޓީމުތަކާއެވެ. އަދި ގްރޫޕް އީ، އެފް، ޖީ އަދި އެޗުގެ އެއްވަނަ ޓީމުތައް އެއް ޕޮޓެއްގައި ހިމެނިފައިވާ އިރު، އެ ޕޮޓުގެ ޓީމުތައް ވާދަކުރަން ޖެހޭނީ ގްރޫޕް އޭ، ބީ، ސީ އަދި ޑީގެ ދެވަނަ ޓީމުތައް ހިމެނޭ ޕޮޓުގެ ޓީމު ޓަކާއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2018ގެ ގަދަ 16ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގަދަ 16 ގައި ކުޅެން ޖެހޭ މެޗުތައް:
މެޗު 1: ދިރާގު - ވެމްކޯ
މެޗު 2: ތިލަފުށީ ކޯޕަރޭޝަން - ޕަބްލިކް ވޯކްސް
މެޗު 3: ޓީމް އެފްއެސްއެމް - އެލައިޑް
މެޗު 4: ކްލަބު އެޗުޑީސީ - ސްޓެލްކޯ
މެޗު 5: އުރީދޫ - ކަސްޓަމްސް ރެކްރިއޭޝަން
މެޗު 6: މޯލްޑިވިއަން - ޕޮލިސް ކްލަބު
މެޗު 7: އެމްޓީސީސީ - ޔުނައިޓެޑް ބީއެމްއެލް
މެޗު 8: ޕްރިޒަން ކްލަބު - އެމްޕީއެލް
މިއަހަރަކީ ކްލަބު މޯލްޑިވްސް ކަޕް މެދު ކެނޑުމެއް ނެތި ބާއްވާ 13 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ ގަދަ 16ގެ މެޗުތައް އޮންނާނީ މިމަހުގެ ހައެއް އަދި ހަތް ވަނަ ދުވަހުގައެވެ.