މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސިޔާސީ ޕާޓިތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެެ މެންބަރު އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، އެ ބައްދަލުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް މިހާރު ދައުވަތު ދީފައިވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ކޮންމެ ޕާޓީއަކުންވެސް ޕާލިމެންޓްރީ ގުރޫޕުގެ ދެ މެންބަރަކާއި ޕާޓީގެ އިސް ދެބޭފުޅަކަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މާދަމާ ހެނދުނު 10:00 ގައި ބާއްވާ އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތައް މޮނިޓާކޮށް ރެގިއުލޭޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ޕާޓީތަކަށް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާބުގެ އެންމެ ބޮޑު ސްޓޭކް ހޯލްޑާ އަކީ ސިޔާސީ ޕާޓީތައް. އަޅުގަނޑުމެންގެ މަގްސަދަކީ އިންްތިހާބާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށްގެންދާއިރު، ސިޔަސީ ޕާޓީތަކަށް ދުރާލައި އެކަމުގެ ފުރިހަމަ މައުލޫމާތު އެރުވުން،" އަކުރަމް ވިދާޅުވިއެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތުގައި އަބަދުވެސް ޕާޓީތަކުގެ އެއްބާރުލުން ލިބޭ ކަމަށާއި މިފަހަރުގެ އިންތިހާބުގައި ވެސް ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ހޭލުންތެރިކުރުމަށް މިކުރާ މަސައްކަތުގައި ސިޔާސީ ޕާޓީތަކުން އަޅުގަނޑުމެންނަށް ފުރިހަމައަށް އެހީތެރިވާނެކަމުގެ ޔަގީންކަން އެބައޮތް. އެއީ މީގެ ކުރިންވެސް ޕާޓީތަކުން ވަނީ އެފަދަ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދީފައި،"

އިންތިހާބަށް ތައްޔާރުވުމަށް މިހާރު ކުރިއަށްދަނީ އިދާރީ ކަންތައްތައް ކަމަށާއި އަންނަ މަހު ވޯޓާސް ލިސްޓު އިއުލާންކޮށް، ޖޫން މަހު ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައި، އިންތިހާބު މޮނީޓާކޮށް އޮބްޒާވުކުރުމަށް އެދުމުގެ ފުރުސަތު ވެސް ހުލުވާލާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.