އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ޕަސެންޓެއް ބަހާނެކަމަށް އެލައިޑު އިންޝުއަރެންސް ބުނެފިއެވެ.

އެލައިޑުގެ ބިލްޑާސް އިންޝުއަރެންސްއާ ގުޅޭ މައުލޫމާތު ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތްތަކަށް ހިއްސާކުރުމަށް ރޭ ބޭއްވި ހަފްލާގައި ބައިވެރިޔަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ އަޔާދީ ގެ ފައިދާގެ ހިއްސާ މީގެ ކުރިން ބަހާފައި ނުވަނީ އެ ކުންފުންޏަކީ އަލަށް ފެށި ކުންފުންޏަކަށް ވެފައި، ކޮންމެވެސް ވަރެއްގެ ސެކިއުރިޓީއެއް ބަހައްޓަން ކަމަށެވެ.

ނަމަވެސް ކުންފުންޏަށް ލިބުނު ފައިދާ އިން މިއަހަރު ބައިވެރިންނަށް ފައިދާ ބަހާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މިވަނީ އެ ސޭފްޓީ ބިލްޑްވެފައި. އިރާދަކުރެއްވިއްޔާ މި އަހަރު އަޅުގަނޑުމެން ފައިސާ ބަހާނަން. އަދި އަޅުގަނޑުމެންނަށް މި ނިންމާލެވުނީ މިދިޔަ އަހަރުގެ ހިސާބުތައް" ފިރުޝާން ވިދާޅުވިއެވެ.

އަޔާދީ ތަކަފުލް އިން ދަނީ އިސްލާމިކް އިންޝުއަރެންސްގެ ގިނަ ޕްރޮޑަކްޓުތަކެއް ވިއްކަމުންނެވެ.