28 Aug 2011, 13:45
އެންޓިކޮރަޕްޝަން ކޮމިޝަނުގެ އެންގުމާ ހިލާފަށް ހއ. އަތޮޅު ކައުންސިލްގެ ކައުންސިލަރުން ގަވާއިދާ ޚިލާފަށް ކުލި ނުދައްކައި އަތޮޅުގޭގައި ތިބޭ މައްސަލަ ހޫނުވެއްޖެ އެވެ.
ދިއްދޫން ވާހަކަ ދެއްކި ސުހެއިލް ރަޝީދު މިއަދު ބުނީ އެ ރަށް ފިޔަވައި ކައިރި ރަށްތަކުން އެ ރަށަށް ގޮސް ތިބި އަށް ކައުންސިލަރަކު އެ ރަށުގައި ކުލި ނުދައްކާ އުޅުއްވާ ކަމަށެވެ. އަދި ކުލި ނުދައްކައި ކައުންސިލަރުންނަށް އަތޮޅުގޭގައި ނުތިބެވޭނެ ކަމަށް އޭސީސީ އިން އެންގުމުން ކައުންސިލަރުން އެ ބަސް ގަބޫލު ނުކުރައްވައި އަތޮޅު ގޭގައި ތިއްބަވާ ކަމަށެވެ.
އެމްޑީޕީގެ ހަ މެމްބަރަކާއި ޑީއާރުޕީގެ ހަތަރު މެމްބަރަކު ހިމެނޭ ހއ. އަތޮޅު ކައުންސިލްގެ ކޮންމެ ކައުންސިލަރަކަށް ލިވިން އެލަވަންސްގެ ގޮތުގައި ދައުލަތުގެ މާލިއްޔަތުން 4،000ރ. ލިބެ އެވެ. ނަމަވެސް ދިއްދޫ ދެ ކައުންސިލަރުން ފިޔަވައި ދެން ތިބި އަށް ކައުންސިލަރުން ތިއްބަވަނީ ދައުލަތުން ކުއްޔަށް ދޫކުރާ ގޮތަށް ހަދާފައިވާ ފިނިކުރި 17 ކޮޓަރީގެ ބޮޑު އިމާރާތުގައި ކުއްޔަކާ ނުލައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަދި މިހާތަނަށް އެތަނުގެ ކަރަންޓަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކަރަންޓްބިލަށް އަރާފައިވާ އިރު، ބިލު ނުދައްކައިގެން އިންޖީނުގެ އިން އިންޒާރުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ސުހެއިލް ބުންޏެވެ.
"މިކަމުގައި ހުރިހާ ކައުންސިލަރުން ވެސް އެއްބައިވެގެން ކުލި ނުދައްކާ ތިއްބަވަނީ. އެބޭފުޅުން ބޭނުންވީމަ އެތަނަށް އެބޭފުޅުންގެ އަނބިދަރިން ވެސް އައިސް ގޮސް އުޅޭ،" ސުހެއިލް ބުންޏެވެ.
ހއ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ސިރާޖު ވިދާޅުވީ ކައުންސިލަރުން އަތޮޅުގޭގައި ތިއްބެވޭނެ ކަމަށް ގައުމީ އިދާރާ އިން ބުނެފައިވާ ކަމަށެވެ. އަދި އޭސީސީން އެކަމާ ގުޅެ ގޮތުން ސިޓީއެއް ފޮނުވާފައި ވަނީ އެކަން ހިނގާފައިވާ ގޮތް ރަނގަޅަށް ނުބައްލަވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ކައުންސިލަރުން އަތޮޅުގޭގައި ތިއްބަވަން ޖެހޭނީ ކޮންމެ ވެސް އެއްޗެއް ދެއްވައިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި ފިނޭންސް މިނިސްޓްރީ އާ ވާހަކަ ދެއްކުމަށް ފަހު އުސޫލުތަކެއް ކަނޑައަޅާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އަތޮޅުގޭގެ ކަރަންޓް ބިލް ނުދެއްކި ވަނީ ބަޖެޓްގެ ތާށިކަމާ ހުރެ ކަމަށާއި ކައުންސިލް އިދާރާގެ ކަރަންޓް ބިލު ވެސް ނުދައްކާ ކަމަށެވެ.