04 Apr 2018, 00:50
ވެމްކޯގެ ވޭސްޓް ކަލެކްޝަން ޕްރޮސެސް އޮޓޯމޭޓް ކުރުމަށް ޑިޖިޓަލްޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.
މިއަދު ވިލިމާލޭގައި ތައާރަފް ކުރި ޑިޖިޓަލް ޕްލެޓްފޯމަކީ ވެމްކޯއިން ގޭބިސީތަކާއި ވިޔަފާރިތަކަށް ދެމުން އަންނަ ކުނިއުކައި ދިނުމުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ތައާރަފްކުރި ޕްލެޓްފޯމެއްކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ، ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން ކުނިނެގުމުގެ ޚިދުމަތް ވިލިމާލޭގައި މޮނީޓަރ ކުރަން ފެށުމާއިއެކު ކޮންމެދުވަހަކުވެސް ކުނިނެގޭ ތަންތަނާއި ކުނި ނުނެގޭ ތަންތަން ރިއަލް ޓައިމްކޮށް އެ ޕްލެޓްފޯމް މެދުވެރިކޮށް އެނގިގެންދާނެ ކަމަށެވެ. އަދި ކުނި ނުނެގޭ ގެތަކުން ކުނި ނުނެގުނު ސަަބބާއެކު ވެމްކޯގެ ވެށިފާރަ ޕްލެޓްފޯމްގައި ހުރިހާ މަޢުލޫމާތެއް ރެކޯޑް ކުރެވިގެންދާނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ޑިޖިޓަލް ޕްލެޓްފޯމް މިއަދު ވިލިމާލޭގައި ބޭނުންކުރަން ފަށާފައިވާއިރު މާދަމާ ހުޅުމާލޭގައި އެ ޕްލެޓްފޯމު ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލޭސިޓީ، އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީގައިވެސް އެ ޕްލެޓްފޯމު ތައާރަފްކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ވެމްކޯއިން ބުންޏެވެ.