03 Apr 2018, 16:54
މުދާ އުފުލުމަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް ބަޔަކު ދޭ ހިދުމަތުގެ އަގު ބޮޑުކުރާނަމަ އެއީ މައްސަލައެއް ކަަމަށާއި އެ ފުރުޞަތު ނުދެއްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މުދާ އުފުލުމަށް ގެނައި ބަދަލާ ގުޅިގެން ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު ގެންނަ ކަމަށް ބުނެ މީޑިއާ ތަކުން ރިޕޯޓް ކުރަމުން ދިޔުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
"މަޖޫރީންގެ މަސައްކަތުގެ އަގު ބޮޑުކުރާ ނަމަ އެކަމަށް ސަރުކާރުން ފިޔަވަޅު އަޅާނަން. އެކަން ބަލާކަށް ސަރުކާރެއް ނޯންނާނެ. އެފަދަ ކަންކަން މަޖޫރީން ކުރާ ނަމަ މިހާރު މަޖޫރީންނާއި މެދު އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެނެސްގެންވެސް އެކަން ހައްލު ކުރާނަން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މަޖޫރީން މިހާރު އަމަލު ކުރަމުންދާ އުސޫލު ބަދަލުކޮށް އަގު ބޮޑުކުރާނަމަ ކުރިއަށްއޮތްތަނުގައި ސަރުކާރުން މަޖޫރީ ހިދުމަތް ދިނުން އާންމުކޮށް ހުޅުވާލުމާއި ވިޔަފާރިވެރިން އަމިއްލައަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެގޮތައްވެސް ނުހުއްޓުވިއްޖެ ނަމަ "ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެ" ކަމަށެވެ.
ސައީދު ވިދާޅުވީ، އެއްވެސް ރައްޔިތަކަށް ލިބެން ޖެހޭ ހިދުމަތެއް ނުލިބި ނުވަތަ ތަކެތި އަގުބޮޑު ވެގެންދާތަން ބަލަން ސަރުކާރުން ނޯންނާނެ ކަމަށާއި މި ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޖޫރީންނެކޭ އެއްގޮތަށް ލޮރީ ޑްރައިވަރުންވެސް ހިދުމަތުގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތުން މިހާރު އެމްޕީއެލްގައި އޮތް ލޮރީ ކިއު އުވާލައި އެ ހިދުމަތް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ. އަދި ވިދާޅުވީ، މިފަދަ ކަންކަން ރިޕޯޓް ކުރުމަށް ވަރަށް އަވަހަށް ހޮޓްލައިނެއް ގާއިމު ކުރައްވާނެ ކަމަށާއި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށެވެ.
އަލަށް ގެނައި ބަދަލަކީ ވަރަށް ބޮޑަށް ދިރާސާކޮށް އަދި ވިޔަފާރިވެރިންނާ ވެސް މަޝްވަރާ ކުރެވިގެން ގެނައި ބަދަލެއް ކަމަށާއި އާ ކޮޅުގައި އުނދަގޫވި ނަމަވެސް މިކަމަށް ހޭނުމުން ހުރިހާ އެންމެންނަށްވެސް ފަސޭހަ ވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އަލަށް ގެނައި ބަދަލާ ގުޅިގެން މަޖޫރީން އެދުނު ބައެއް ކަންކަމަށް ހައްލު ގެނެސްފައިވާ ކަމަށާއި އަދި ވިޔަފާރިވެރިން އެދުނު ބައެއް ކަަންކަމަށްވެސް ހައްލު ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ބޮންޑެޑް ވެއާ ހައުސް ތަކުން ރާ ސަޕްލައި ކުރާ ގަޑިތައް އިތުރު ކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރިސޯޓް ސަޕްލައި އަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މިވީ 40 އަހަރު ތެރޭގައި ރައްޔިތުންނަށް ދަތިވެފައި ހުރިކަންކަން 4 އަހަރު ތެރޭގައި މި ސަރުކާރުން ހައްލު ކުރަމުންދާ ކަމަށާއި މިހާރު މާލެ ތެރޭގައި އޮތް ތޮއްޖެހުން ވަރަށް ބޮޑަށް ހައްލުވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މާލޭގެ ތޮއްޖެހުން ހައްލު ކުރުމަށް ގެންގުޅެނީ ވަރަށް ހަރުދަނާ ޕްލޭނެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަން މުޅިން ހައްލުވެގެންދާނެ ކަމަށެވެ.