މާލޭ ވިޔަފާރި ބަނދަރުން ވިޔަފާރިވެރިން އަމިއްލަ އަށް މުދާ ބޭރު ކުރުމުގެ ހުއްދަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑު(އެމްޕީއެލް)އިން ދީފިއެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެހެން ބަޔަކު ލައްވައި މުދާ ކްލިއާ ކުރާނަމަ މުދާ އުފުލާ ގަޑިތަކަށް އައި ބަދަލާ ގުޅިގެން މުދަލުގެ އަގު އުފުލިދާނެ ކަމަށް ބައެއް މީޑީއާ ތަކުގައި ރިޕޯޓްކޮށްފައިވާތީ އެފަދަ ބަދަލެއް ނާންނާނެ ފަދަ ގޮތަކަށް އަމަލު ކުރުމަށް ވިޔަފާރިވެރިންނަށް މުދާ ކްލިއާ ކުރެވޭ ގޮތައް އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ގޮތައް ނިންމީ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

އެމްޕީއެލް އިން މިހެން ބުނެފައިވާއިރު މަޖޫރީން ވަނީ އެމީހުން ކޮންޓެއިންނަރު ކަނޑާ އަގު ބޮޑުކޮށްފައެވެ. އެގޮތުން 20 ފޫޓް ކޮންޓެއިނަރެއް 6000 ރުފިޔާއަށް މިހާރު ކަނޑާ ދޭއިރު 40 ފޫޓްގެ ކޮންޓެއިނަރެއް ކަނޑާދޭ އަގު ބަދަލު ކޮށްފައިވަނީ 12000 ރުފިޔާއަށެވެ.

މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަކީ މުދާ އަގުބޮޑުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މުދަލުގެ އަގުބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.