03 Apr 2018, 14:12
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން ހަވާލުކުރި އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގު ކޮށްފި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިއްގަން ދިވެހިން އާންމުކޮށް ފަރުވާ ހޯދަމުން އަންނަ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރީ 50 އަހަރެވެ.
އެ ކުންފުންޏާ ކުޅުދުއްފުށި ހޮސްޕިޓަލް ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ފަހުން ނިމްސް މެޑިސިޓީން މެޑިކަލް ކިޔަވައިދޭ ސެންޓަރަކާއި ޖެނެޓިކް ރިސާޗް ސެންޓަރެއް ހަދަން ދެ ރަށެއް ވެސް ސަރުކާރުން ދިނެވެ.
ނަމަވެސް އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން، ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން އެތަން ހިއްގަން ހަވާލުވެފަ އެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ނޫރުލް އިސްލާމާއެކު ވެފައިވާ އެއްބަސްވުން އުވާލަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
ނަމަވެސް ނޫރުލް އިސްލާމާއެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމައި، ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން ހެލްތު މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ހަސީން މިއަދު ވިދާޅުވީ، ނޫރުލް އިސްލާމާއެކު ވެފައިވާ އެއްބަސްވުން އުވާލަން އަދި ނުނިންމާ ކަމަށާއި ނަމަވެސް އެމައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް ވިދާޅުވި އެވެ.
އިތުރު އެއްވެސް ތަފްސީލެއް އެނާ ނުދެއްވައެވެ. ހެލްތު މިނިސްޓަރު ނާޒިމްއަށް ގުޅާލުމުން ވެސް ވިދާޅުވީ، މިވަގުތު އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ދަންނަވަން ނެތް ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެއްބަސްވުން ގާއިމްކުރިތާ ނުވަ މަސް ފާއިތުވެގެން ގޮސްފައިވާއިރު، ނޫރުލް އިސްލާމާ އެތަން ހަވާލުކުރި ފަހުން ޑޮކްޓަރުން މަދުވުމާއި އެތަނުން ދެމުން އައި ސިއްހީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ދަށްވި ކަން މިނިސްޓަރު ވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވައިފަ އެވެ.