މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެމްޓީޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރުމަށްޓަކައި ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި ކަމަށެވެ. އެގޮތުން ޑިރެކްޓަރަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ހުންނަ ޝަރުތުތަކުގެ މިނިވަން މުސްތަގިއްލަ ފަރާތަކަށް ވާންޖެހެ އެވެ.

އެގޮތުން އެ ފަރާތުގެ އާއިލާގެ މީހަކު ވޭތުވެދިޔަ އަހަރު ކުންފުނީގައި ވަޒީފާ އަދާކޮށްފައިނުވާ ފަރާތަކަށްވާންޖެހޭއިރު އެފަރާތުގެ އާއިލާގެ މީހަކު އަމިއްލަ ހައިސިއްޔަތުން ނުވަތަ ހިއްސާ އެކުލެވޭ ކުންޏެއް، އެމްޓީޑީސީ އާއިއެކު ވޭތުވެދިޔަ އަހަރު ފާހަގަކުރެވޭ ވަރުގެ ބޮޑު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައިނުވުން ހިމެނެ އެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އެމްޓީޑީސީގެ 50 ހިއްސާ އޮތް ހިއްސާދާރެއް ކަމުގައިވުމާއި ތައުލީމީ އަދި ވިޔަފާރި ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާއާއި ގާބިލްކަން ހުރި ފަރާތެއް ކަމުގައިވުން އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބޭންކްރަޕްޓްވެފައި ދަރަނިވެރިވެފައި ގާނޫނާއި ހިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދައުވާއެއް މިހާރު ރައްދުވާ ފަރާތެއްކަމުގައި ނުވުމެވެ

އެމްޓީޑީސީގެ އިއުލާނުގައި ބުނީ، ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލް ކުރައްވަން ބޭނުންވާ ބޭފުޅުން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު އެ ކުންފުންޏަށް ފޮނުވުމަށް އެދޭ ކަމަށެވެ.

އަދި ޑިރެކްޓަރުކަމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން، އެމްޓީޑީސީގެ ކަމާބެހޭ ކޮމެޓީން ހޮވުމަށްފަހު، އެފަރާތްތަކުގެ މައުލޫމާތު މިއަހަރުގެ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާންކޮށް ވޯޓަށް އެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.