03 Apr 2018, 13:35
ވިލާކޮލެޖާ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ ގުޅިގެން ހިންގި ކޯސްތަކުން 334 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި 298 ދަރިވަރުން ޑިގްރީ ހާސިލްކުރިއިރު، 36 ދަރިވަރުން ވަނީ މާސްޓާސް ޑިގްރީވެސް ހާސިލްކޮށްފައެވެ.
ވިލާ ކޮލެޖުން ދަސްވެނިވި ގިނަ ދަރިވަރުންގެ ތެރެއިން 58 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ.
ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މުަހއްމަދު އަފުރާހު
މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުން ހިންގި އެކިކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރި 10 ދަރިވަރަކަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ދެއްވާ އެކްސެލެންސް އެވޯޑް ވަނީ އަރުވައިފައެވެ.
މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން: އައިމިނަތު ރަޝީދު އަދި ހަދީޖާ ސިއުނާ
- ބެޗަލާ އޮފް އެކައުންޓިން: އައިމިނަތު އިޔާދާ އަދި އިބްރާހިމް ސަބާހް
- ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން: އައިޝަތު ލިއުޝާ
- ބެޗެލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް: އައިމިނަތު ފަރުހާ ޝަރީފް
- މާސްޓާ އޮފް އެޑިއުކޭޝަން: އައިމިނަތު ޝަޒުރާ
- ބެޗެލާ އޮފް އެޑިއުކޭޝަން: ޝުމްރާ އިބްރާހިމް
- ބެޗެލާ އޮފް އެޑިއުކޭޝަން (މެތެމެޓިކްސް): އައިމިނަތު ރަޝްފާ
- ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލަޖީ: އަބްދުﷲ ހަބީބު
ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މުަހައްމަދު އަފުރާހު
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ އޯޕަން ޔުނިވާސިޓީގެ ރައީސް އަދި ވައިސް ޗާންސެލާ ޕްރޮފެސާ ޑަޓޯ ޑރ. މަންސޫރު ފަދްޒިލް ވިދާޅުވީ ކިޔެވުމަކީ މުޅި އުމުރުގެ ހުރިހާ ހިސާބެއްގައިވެސް ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ދުނިޔެ ކުރިއަރައި އެކިގައުމުތަކާ ގުޅި ލާމެހި ވާދަވެރިކަންވެސް އިތުރުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހާސިލް ކުރި ސަނަދާއެކު އޭގެ ބޭނުން އަމަލީގޮތުންވެސް ހިފަންޖެހޭ ކަމަށްވެސް ޑރ. މަންސޫރު ވިދާޅުވިއެވެ.
"މިއަދު ހާސިލް ކުރި ސަނަދާއެކު ތިމާގެ އިތުރުން ތިމާގެ ވަށައިގެންވާ މީހުންނާ އަދި މަސައްކަތްކުރާތަނަށް ހެޔޮބަދަލުތައް ގެނައުމަށް މަސައްކަތްކުރަން ޖެހޭ." ޑރ. މަންސޫރު ވިދާޅުވިއެވެ.