މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަކީ މުދާ އަގުބޮޑުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މުދަލުގެ އަގުބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނައީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް ސްކޫލު ކުދިންނަށާއި ބެލެނިވެރިންނަށް އަދި އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްކަމަށެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި ގުޅިގެން މުދަލުގެ އަގު ބޮޑުކުރާނެކަމަށް ބައެއް ވިޔަފާރިވެރިން މީޑިއާތައް މެދުވެރިކޮށް ވާހަކަ ދައްކާ ކަމަށާއި "މުދާ އުފުލުމުގެ ގަޑިތަކަށް ގެނެވުނު ބަދަލަކީ އޭގެ ސަބަބުން މުދަލުގެ އަގު ބޮޑުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް" ވެސް އެ ބަޔާނުގައި ވެއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި އަދި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނެ ގަޑިއަކީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

އޭގެ އިތުރުން ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތީރިޓީން ކަނޑައަޅާފައިވަނީ ހެނދުނު 08:30 އިން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއެކު ހުޅުމާލެއަށް މުދާ އުފުލާ ފެރީގެ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

މި ބަދަލުތަކާއެކު ފިހާރަތަކުގެ އެކްސްޕެންސް އިތުރުވާނެކަމަށާއި މުދާ އަގުބޮޑުކުރަން ޖެހޭނެކަމަށް ވިޔަފާރިވަރިން ވަނީ ބުނެފައެވެ.

މާލޭގައި މުދާ އުފުލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި ވަގުތުތަކާ މެދު ހިތްހަމަނުޖެހި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މަޖޫރީން ވަނީ މަސައްކަތް ހުއްޓާލާ އިހުތިޖާޖު ފަށައިފައެވެ.