28 Aug 2011, 13:51
ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީ)ގެ ހުސްވެފައިވާ ރައީސްގެ މެންބަރުގެ ގޮނޑިއަށް މި ހަފްތާ ތެރޭ ރައީސް މެންބަރަކު އައްޔަން ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ އައިޝަތު ވެލެޒިނީ ފުރުއްވަމުން ގެންދެވި ގޮނޑި ހުސްވެފައިވާތީ އީދުގެ ކުރިން އެ ގޮނޑިއަށް ރައީސް މެންބަރަކު އައްޔަން ކުރައްވާ އެކަން އިއުލާން ކުރައްވާނެ ކަމަށެވެ. ޒުހައިރު ވިދާޅުވީ ޖޭއެއްސީއަށް ރައީސް މެންބަރަކު އައްޔަން ކުރައްވާނީ ހައި ކޯޓުން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނެވި މެންބަރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކަމަށާއި އެ ރަސްމިއްޔާތު މި ހަފްތާ ތެރޭ ބާއްވާނެ ކަމަށެވެ.
"ޗުޑީޝަލް ސާވިސް ކޮމިޝަނަށް އެ ބަހުންނެވި ބޭފުޅަކު އައްޔަން ކުރައްވާފައި ހައިކޯޓުން، އެބޭފުޅާ ހުވާނުކުރައްވާ ހުންނެވީމަ އެބޭފުޅާ ހުވާކުރެއްވުމުގެ ކަންތަކާއި ދެން ހަމަ އެ ބޭފުޅާ ކުރައްވާއިރު އަޅުގަނޑުމެން އުންމީދު މި ކުރަނީ އައިޝަތު ވެލެޒިނީގެ ބަދަލުގައި ރައީސް ކަޑައަޅުއްވާ މެންބަރެއްގެ ކަންތައް ނިންމެވޭނެ ކަމަށް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި ހަފްތާ ތެރޭ މާދަމާ ވެސް އޭގެ އަނެއް ދުވަހު ވެސް އީދުގެ ކުރީގައި އެ މަސައްކަތް ނިންމާލެވޭތޯ،" ޒުހައިރު ވިދާޅުވި އެވެ.
ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ކަނޑައެޅި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޯޓުން ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީއަށް ކަނޑައެޅުއްވީ މި ދިޔަ މަހު 14 ވަނަ ދުވަހު އެވެ.
މަތީ ކޯޓުގެ ފަރާތުން ޖޭއެސްސީއަށް އަބްދުﷲ ހަމީދު ހޮއްވެވީ، އެ ކޯޓްގެ ފަނޑިޔާރުންގެ މެދުގައި އެ ދުވަހު ނެގި ވޯޓެއްގަ އެވެ.
ނަމަވެސް އޭގެ ފަހުން ދޮޅުމަސް ވީ އިރު ވެސް ރައީސް ވަނީ އޭނާ ހުވާކުރެއްވުމުގެ ކަންތައް ހަމަނުޖައްސަވަ އެވެ.
ޖޭއެއްސީގެ މެންބަރު ކަމުން ވެލެޒިނީ ވަކި ކުރެއްވީ މޭ 19 ވަނަ ދުވަހު އެވެ.