މަޝްހޫރު ސުޕަހީރޯ ފިލްމުތަކެއް އުފައްދާފައިވާ އެމެރިކާގެ މީޑިއާ ފްރެންޗައިޒެއް ކަމަށްވާ މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ކެރެކްޓާއެއް ކުޅުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް "ސްޓާ ވޯސް: ދަ ލާސްޓް ޖެޑައި"ގެ ތަރި ޖޯން ބޮޔޭގާ ބުނެފިއެވެ.

ޖޯން ބޮޔޭގާ އެކަން އިއުލާން ކުރީ ވޮޝިންގްޓަންގައި މިދިޔަ އާދީއްތަ ދުވަހު ނިމިގެން ދިޔަ އޯސަމް ކޮންގައެވެ. އުމުރުން 26 އަހަރުގެ އެކްޓަރު އެކަން އިއުލާން ކުރުމުން ފޭނުން ވަނީ ވެސްލީ ސްނައިޕްސް ކުޅުނު "ބުލޭޑް" ގެ ރޯލު އަދާކުރުމަށް ގޮވާލައިފައެވެ.

ނަމަވެސް "ޕެސިފިކް ރިމް އަޕްރައިޒިން"ގައި ވެސް ފެނިގެންދިޔަ ތަރި، ޖޯން ބޮޔޭގާ ބުނީ ވެސްލީ ސްނައިޕްސް އަދާކުރި ވެމްޕަޔާ ހަންޓަރުގެ ރޯލު އަދާކުރުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

ބްލޭޑްގެ ރޯލު އަދާކުރަން ބޭނުން ނުވާ ކަމަށް ޖޯން ބޮޔޭގާ ބުނި ނަމަވެސް ގިނަ ފޭނުން ދަނީ އޭނާއަށް އަދާކުރެވޭނެ ކެރެކްޓާތަކެއް ހުށަހަޅަމުންނެވެ.

އެގޮތުން މާވެލް ކޮމިކްސްގެ "ދަ ނިއު އެވެންޖާސް"ގެ ވޮލިއުމް އެކެއްގައި ފެނިގެންދިޔަ ދެ ސުޕަހީރޯއިން ކަމަށްވާ "ސެންޓްރީ"އާއި "ލޫކް ކޭޖް"ގެ އިތުރުން ވޮލިއުމް ހަތަރެއްގައި ފެނިގެންދިޔަ "ޕަވާ މޭން"، "ވައިޓް ޓައިގާ" އަދި "ހަލްކްލިންގް" ފާހަގަކޮށްލެވެއެވެ.

މާވެލްގެ ކެރެކްޓާއެއް ކުޅުމާމެދު ޖޯން ބޮޔޭގާ މަޝްވަރާ ކުރަމުންދާއިރު، މާވެލްއަށް ކުރިއަށް އޮތީ ބިޒީ ދުވަސް ތަކެކެވެ.

އެގޮތުން މިމަހުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ އެމްސީޔޫގެ 19 ވަނަ ފިލްމު "އިންފިނިޓީ ވޯރ" އާއި މޭ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޑެޑްޕޫލްގެ ދެވަނަ ފިލްމުގެ އިތުރުން "ކެޕްޓަން މާވެލް"، "ގާޑިއަންސް އޮފް ދަ ގެލެކްސީ 3" އަދި "ބުލެކް ވިޑޯ"އަށް ހަދާ ފިލްމު ހިމެނެއެވެ.