03 Apr 2018, 10:51
ރެއާލް މެޑްރިޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓުމަށް ނަސީބު ބޭނުންވާނެ ކަމަށް ޔުވެންޓަސްގެ ޑިފެންޑަރު، ޖޯޖިއޯ ކިއެލީނީ ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޔުވެންޓަސްއާއި ރެއާލް މެޑްރިޑުގެ ފުރަތަމަ ލެގު މެޗު މިރޭ އޮންނާނެއެވެ. މި ދެ ކްލަބަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ގިނަ ފަހަރެއްގެ މަތިން ކުރިމަތިލައިފައިވާ ދެ ކްލަބެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ކުޅެފައިވަނީ މި ދެޓީމެވެ.
މިރޭގެ މެޗާ ގުޅިގެން އުމުރުން 33 އަހަރުގެ އިޓަލީ ޑިފެންޑަރު، ކިއެލީނީ ބުނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ރެއާލްއަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށާއި، އޭނާ އަކީ ކޮންމެ ޓީމެއްގެ ކޮޅަށްވެސް ގޯލް ޖެހޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.
"ރޮނާލްޑޯއަށް ގޯލް ޖެހޭނެ ކޮންމެ ޓީމެއް ކޮޅަށްވެސް. އޭނާ ގައިގައި އެ ފެންވަރު ހުންނާނެ. އެކަމަކު ރެއާލް މެޑްރިޑަކީ ހަމައެކަނި ރޮނާލްޑޯއެއް ނޫން. މުޅި ޓީމުވެސް މޮޅު. އެކަމަކު ރޮނާލްޑޯއަކީ މިދިޔަ އަހަރު ތަކުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއް. ހާއްސަކޮށް ރެއާލްއަށް ތަފާތު ގެނުވާ ކުޅުންތެރިއަކީ އޭނަ،" ޗިއެލީނީ ބުންޏެވެ.
ޗިއެލީނީ ބުނީ ރޮނާލްޑޯ ހިފެހެއްޓުމަށް ނަސީބު ބޭނުންވާނެ ކަމަށާއި، މެޗުގެ ނަތީޖާވެސް ބުރަވާނީ ރޮނާލްޑޯގެ ކުޅުމަށް ކަމަށެވެ.
"މެޗުގައި ރޮނާލްޑޯ ހިފެހެއްޓުން ވެގެންދާނީ އުނދަގޫ ކަމަކަށް. އެކަމަށް ނަސީބު އެހީތެރިވުން މުހިންމު ވާނެ. މެޗުގެ ނަތީޖާ ބުރަވާނީވެސް ރޮނާލްޑޯގެ ކުޅުމަށް،" ޗިއެލީނީ ބުންޏެވެ.
ރޮނާލްޑޯވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި 12 ގޯލް ޖަހައިފައެވެ. އޭނާ 12 ގޯލް ޖެހީ، ކުޅުނު އަށް މެޗުންނެވެ.
ޗިއެލީނީ ބުނެފައިވަނީ މިރޭގެ މެޗަށް ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލްގެ ބަދަލު ހިފުމަށް ނޫން ކަމަށާއި، ރެއާލްއަށް ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ފައިނަލްގައި 4-1ގެ ނަތީޖާއަކުން ރެއާލް އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލައި މިރޭގެ މެޗަށް ނުކުންނާނީ މޮޅަކަށް ކަމަށްވެސް ޗިއެލީނީ ފާހަގަކުރިއެވެ.
މި ސީޒަނަކީ ޗިއެލީނީ ޔުވެންޓަސްގައި ހޭދަކުރާ 10 ވަނަ ސީޒަނެވެ. އޭނާވަނީ ޔުވެންޓަސް ޖާޒީގައި 356 މެޗު ކުޅެފައެވެ. ޗިއަލީނީވަނީ ޔުވެންޓަސްއާއެކު ހަ ފަހަރެއްގެ މަތިން އީޓަލީ ލީގު އުފުލައިލާފައެވެ. އެހެން ނަމަވެސް އޭނާއަށް ކެރިއަރުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.