03 Apr 2018, 10:21
ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވަޑް، ރޮބާޓް ލެވަންޑޯސްކީ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ނުދާނެ ކަމަށް ބަޔާންގެ ކޯޗު ޖުޕް ހެއިންކޭ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބަޔާންއިން މިރޭ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ.
އެ މެޗާ ގުޅިގެން ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ހެއިންކޭ ބުނީ ލެވަންޑޯސްކީ ނުވިއްކާނެ ކަމަށް ބަޔާންގެ ޗެއާމަން ކާލް ހެއިޒް ރުމެނީގޭ އެތައް ފަހަރެއްގެ މަތިން ބުނެފައިވާ ކަމަށެވެ. އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ލެވަންޑޯސްކީ ރެއާލްއަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް، ހެއިންކޭ ބުނީ ރެއާލްއަށްވެސް އޭނާ ގެންދިއުމުގެ ފުރުސަތު ނެތް ކަމަށެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލެވަންޑޯސްކީ ހޯދުމަށް ރެއާލް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ރެއާލްގައި ހޭދަކުރުމަށްފަހު މި ސީޒަންގައި ލޯން އެއްބަސްވުމެއްގައި ބަޔާން އަށް ކުޅެމުން އަންނަ ހަމޭޒް ރޮޑްރިގޭޒް، ދާއިމީކޮށް ބަޔާންއަށް ސޮއިކުރުވަން ބަޔާންއިން ބޭނުންވާ އިރު، ލެވަންޑޯސްކީ ގެންދިއުމަށް ިހަމޭޒް ބޭނުންކުރަން ރެއާލްއިން ތައްޔާރު ކަމަށްވެސް ބައެއް މީޑިއާ ތަކުން ބުނެއެވެ.
ލެވަންޑޯސްކީ ބަޔާންއާ ގުޅިފައިވަނީ 2014 ވަނަ އަހަރުގައެވެ. އޭގެ ކުރިން އޭނާވަނީ ހަތަރު ސީޒަނެއް ބުރޫޝިއާ ޑޯޓުމަންޑުގައި ހޭދަކޮށްފައެވެ. ބަޔާންއަށް ބަދަލުވިފަހުން އޭނާ ކުޅުނު 122 މެޗުން 103 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
ޕޮލެންޑްގެ ގައުމީ ޓީމާއެކު ކުޅުނު 93 މެޗުން 52 ގޯލް ޖަހައިދީފައިވާ އުމުރުން 29 އަހަރުގެ ލެވަންޑޯސްކީ، އަންނަ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕްގައިވެސް ފެނިގެންދާނެ އެވެ.