03 Apr 2018, 09:35
ގާހިރާ (އޭޕްރިލް 3): މިސްރުގެ ރިޔާސީ އިންތިހާބުގައި 97 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިގެން ރައީސްކަމުގެ ދެ ވަނަ ދައުރަކަށް އަބްދުލް ފައްތާހު އަލް ސީސީ ހޮވިއްޖެ އެވެ.
މިދިޔަ ހަފްތާގައި ތިން ދުވަހަށް ބޭއްވި އެއިންތިހާބުގައި ބައިވެރިވެފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 41.5 ޕަސެންޓު މީހުން ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައި 47 ޕަސެންޓު މީހުން ބައިވެރިވެފައިވެ އެވެ.
އެއިންތިހާބުގައި ސީސީއާ ވާދަ ކުރެއްވީ އެންމެ ފަހު ވަގުތު ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގެންނެވި މޫސާ މުސްތަފާ މޫސާ އެވެ. މޫސާ ވަނީ އޭނާ ތާއިދު ކުރައްވަނީ ސީސީއަށް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާއަށް ލިބުނީ އެންމެ ތިން ޕަސެންޓު ވޯޓެވެ.
ދަ އިކޮނޮމިސްޓުގައިވާ ގޮތުން މިސްރުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ވޯޓު ކަރުދާހުގައި އެގައުމުގެ ގައުމީ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހުގެ ނަން ޖަހާފައި އެވެ. އެހެންކަމުން ސަލާހަށް މޫސާއަށް ވުރެ ގިނަ ވޯޓު ލިބުނު ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ.
ނަމަވެސް މިސްރުން ވަނީ އެގައުމުގެ ރިޔާސީ އިންތިހާބުގައި ބާތިލު ވޯޓުތަކެއް ނެތް ކަމަށް ދޭހަވާ ގޮތަށް ނަތީޖާ އިއުލާންކޮށް، އިންތިހާބުގެ 97 ޕަސެންޓު ވޯޓު ކާމިޔާބު ކުރެއްވީ ސީސީ ކަމަށް ބުނެފައި އެވެ.
މިސްރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް މީގެ ކުރިން ހަތް ފަރާތްތަކުން ބުނި ނަމަވެސް، ފަހުން އެފަރާތްތަކުން ވަނީ ރިޔާސީ ރޭހުން ވަކިވެފައި އެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ވަކީލު ޚާލިދު އަލީ އާއި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ހިމެނެ އެވެ.
އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ސަމީ އަނާން ވަނީ ޖެނުއަރީ މަހު ހައްޔަރުކޮށްފައި އެވެ. (އަލްޖަޒީރާ)