03 Apr 2018, 17:08
ކުޅަދާނަ ބަތަލު ސަލްމާން ހާންގެ އެންމެ މަގްބޫލު ލަވަތަކުގެ ތެރެއިން އެއް ލަވަ ކަމަށްވާ "އޮހ އޯހ ޖާނެ ޖާނާ"ގެ ރީމޭކް އެއް ހަދަން ނިންމައިފިއެވެ.
ސަލްމާން އާ އެއްކޮށް އެ ލަވައިން ފެނިގެންދާނީ ބަތަލާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒަބެލް ކެއިފްއެވެ. މި ލަވަ ފެނިގެންދާނީ އިޒަބެލް ބޮލީވުޑަށް ތައާރަފްވެގެންދާ ފިލްމު "ޓައިމް ޓް ޑާންސް" އިންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ލަވައިގެ ރީމޭކް ވެސް ކިޔާނީ ކުރިން އެ ލަވަ ކީ މަޝްހޫރު ލަވަކިޔުންތެރިޔާ ކަމާލް ހާން އެވެ.
އެ ފިލްމުގެ އަންހެން ލީޑުން އިޒަބެލް ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެންދާނީ "ހީރޯ" އިން މަޝްހޫރުވި ބަތަލު ސޫރަޖް ޕަންޗޯލީއެވެ. އެ ދެ ތަރިންވެސް ސަލްމާން އާ އެކީ އެ ލަވައިގައި ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.