މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ 'ބާޣީ 2' އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން އުފަލުން ފޮޅިފައި ހުރި ފިލްމުގެ ލީޑު ބަތަލާ ދިޝާ ޕަޓާނީ އަކީ ބޮލީވުޑްގައި އޭނާގެ ގާތް މީހަކު ހުރި ފަންނާނެއް ނޫނެވެ.

އެހެންކަމުން ބޮލީވުޑަށް ނުކުތުމަށާއި، ޕްރޮޖެކްޓުތައް ހޯދުމަށް އޭނާއަށް ބޮޑެތި ހުރަސްތަކެއް ގިރާކުރަން ޖެހުނެވެ. މިއަދު އޭނާ އަކީ މީހުން ދަންނަ، އާންމުންގެ މެދުގައި މަގުބޫލު މީހަކަށް ވެފައިވަނީ ހިތްވަރު ދޫކޮށްނުލައި އަމިއްލަ އަށް ކުރި މަސައްކަތުންނެވެ.

'ބާޣީ 2' ގެ ކާމިޔާބީ އާ ގުޅިގެން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ދިޝާ މިވަނީ އޭނާއަށް ބޮލީވުޑަށް ނުކުތުމަށް ކުރަން ޖެހުނު މަސައްކަތާ އޭގެ ކުރިން އުޅުނު ހާލާއި ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ދިޝާ ބުނީ އެތައް ފަހަރެއްގެ މަތިން އޭނާ އަށް ޑައިރެކްޓަރުންނާ ޕްރޮޑިއުސަރުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ފިލްމަކަށް ސޮއިކުރުމަށް ފަހު ވެސް އެންމެ ފަހު ވަގުތު އެ ފިލްމުން ބޭރުކޮށްލި ކަމަށް ވެސް ދިޝާ ބުންޏެވެ.

"އެއީ އަހަރެން ބޮލީވުޑަށް ތައާރަފުވާން އޮތް ފިލްމު. އެކަމަކު ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށް. ކާމިޔާބަކީ މީހާއަށް އިތުރު ހިތްވަރެއް ލިއްބައިދީ ކުރިއަށް ދާން ލިބޭ ބާރެއް ކަމަށް އަހަރެން ގަބޫލު ކުރަނީ،" ދިޝާ ބުނެފައިވެ އެވެ.

ކޮންމެ ކަމެއްގައި ވެސް އޮންނަ އެންމެ ރަނގަޅު ގޮތަށް ވިސްނާ ދިޝާ ބުނީ، ފިލްމީ ކެރިއަރެއް ބިނާ ކުރުމަށް އޭނާ މުމްބާއީ އަށް އައީ ކިޔެވުން ވެސް މެދުކަނޑާލުމަށް ފަހު ކަމަށެވެ. އަދި އެކަނި ދިރިއުޅެން ފެށި ނަމަވެސް، އެކަންވީ ވަރަށް އުނދަގޫ ކަމަކަށް ކަމަށެވެ.

"މުޅިން އާ ސިޓީ އެއްގައި އެކަނި އުޅުނީ. އޭރު މުމްބާއީގައި އަހަރެން ދަންނަ މީހަކު ނޫޅެ. ދިރިއުޅުމަށް މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ އަށް. މުމްބާއީ އަށް އައި އިރު އަތުގައި އޮތީ 500 ރުޕީޒް. ވަކި ހިސާބަކުން އަތުގައި ހަމަ އެކައްޗެއް ވެސް ނެތް،" އޭނާ ބުންޏެވެ.

ދިޝާ ބުނީ އެންމެ ފުރަތަމަ އަބަދުވެސް ދިޔައީ އިޝްތިހާރު ތަކުގެ އޮޑިޝަނަށް ކަމަށެވެ. ފިލްމެއްގެ އިންތިޒާރުގައި، މަސައްކަތެއް ނުކޮށް ހުރެއްޖެ ނަމަ، ގޭގެ ކުލި ދައްކައި ހެދޭނެ ގޮތެއް ނޯންނާނެތީ އެވެ.

އޭރު މަސައްކަތުން އަވަދި ނުވާކަމަށާއި، ކޮންމެ އޮޑިޝަނެއް އަދި އިޝްތިހާރެއް ވެސް އޭނާ އަށް ވެގެން ދިޔައީ ވަޒީފާ އަކަށް ކަމަށާއި، އެ ވިސްނުން ބަދަލުވީ އެކްޓިންގ އަށް ފުރިހަމައަށް ލޯބި ޖެހުމުން ކަމަށެވެ.

ގިނަ އިޝްތިހާރު ތަކުން ފެނިގެން ދިޔަ ދިޝާ އެންމެ ފުރަތަމަ ކުޅެފައި ވަނީ ތެލުގޫ ފިލްމެކެވެ. އެއަށްފަހު ސުޝާންތު ސިންގ ރާޖްޕުތު އާއެކު 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އިން ބޮލީވުޑަށް ތައާރަފުވި އެވެ.

އުމުރުން 25 އަހަރުގެ ދިޝާ ފެނިގެން ދަނީ ހުނަރުވެރި އަދި ފިލްމީ ދާއިރާގައި ރަނގަޅު މުސްތަގުބަލެއް އޮތް ފަންނާނެއްގެ ގޮތުގަ އެވެ.