03 Apr 2018, 14:19
ޖީކިއު ސްޓައިލް އެވޯޑްސްގެ އެންމެ ސްޓައިލިޝް ދެމީހުންނަށް ބޮލީވުޑްގެ ހުނަރުވެރި ދެ ފަންނާނުން ކަމުގައިވާ އެކްޓަރު އާލިއާ ބަޓް އަދި ޝާހިދު ކަޕޫރު ހޮވިއްޖެ އެވެ.
މިއީ ޖީކިއު ސްޓައިލް އެވޯޑްސް ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ހަފްލާގައި އާލިއާ އާއި ޝާހިދުގެ އިތުރުން ބޮލީވުޑްގެ ބައެއް އިތުރު ފަންނާނުން ވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑުތައް ހާސިލްކޮށްފައެވެ.
"ޓްރެންޑްސެޓާ" ގެ ގޮތުގައި މަޝްހޫރު އާލިއާ އަކީ އަބަދު ވެސް ވަރަށް ސްޓައިލިޝްކޮށް ހުންނަ މީހެކެވެ. ރައްޓެހިންނާ އެކު ކޮފީއަކަށް ދިޔަސް، ނުވަތަ ޕާޓީ އަކަށް ދިޔަސް އާލިއާ ފެންނާނީ އެހެން މީހުންނަށް ވުރެ ފުރިހަމަކޮށެވެ.
އެހާ ރީތިކޮށް އަބަދު ހުރުމުގެ ފުރިހަމަ ކްރެޑިޓް އާލިއާ ދެނީ އޭނާގެ ސްޓައިލިސްޓް އަދި ޓީމަށެވެ. އާލިއާ ބުނީ އޭނާގެ ބަސް ހިނގާ ނަމަ އަބަދު ވެސް ފެންނާނީ ޓްރެކް ޕޭންޓްސް ގައި ކަމަށެވެ.
އާލިއާގެ އިތުރުން ޝާހިދު އަކީ ވެސް އަބަދު ވެސް ވަރަށް ރީތިކޮށް ހެދުން އަޅައިފައި ހުންނަ ފަންނާނެކެވެ. އާއިލާ އާއެކު ބޭރަށް ދިޔަސް، އެއާޕޯޓުން ފެނުނަސް ޝާހިދު އަބަދު ވެސް ހުންނަނީ ވަރަށް ރީތިކޮށެވެ.
ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު، "ޖީކިއު ލެޖެންޑް" ގެ ގޮތުގައި ހޮވުނީ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު އެވެ. ކޮންމެ ހަފްލާ އަކުން ވެސް އަކްޝޭ ފެނިގެންދާނެ ތަފާތު ކޮށެވެ. ވަރަށް ސްމާޓް ކޮށެވެ.