03 Apr 2018, 00:36
ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ މޮޅު ކުޅުމާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މާލޭ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔޫވީ އަތުން ނިއު މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު އެއްވަނައިގައި ނިއު އޮތް އިރު، ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެށިތާ ފަސް މިނެޓްތެރޭ ނިއުއިން ވަނީ ލީޑު ހޯދައިފައެވެ. ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުމަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ގުއިލެމް މާޓީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
އެ ލަނޑަށްފަހު ވެސް ނިއުއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ނިއުއިން ދެވަނަ ލަނޑު ޖެހުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ)އާއި ގުއިލެމްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޔޫވީގެ ކީޕަރު ތޮލާލް ހަސަން ވަނީ މަތަކޮށްފައެވެ.
ނިއުއިން ލީޑު ފުޅާކުރީ މެޗުގެ 31 ވަނަ މިނެޓުގައެވެ. ދަގަނޑޭ ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ގުއިލެމްއެވެ. ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ގުއިލެމް ވަނީ ވަރަށް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ނިއުއިން ދެ ލަނޑުގެ ލީޑެއް ހޯދުމަށްފަހު ވެސް އެޓީމުގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ނިއުއަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި ގުއިލެމްއަށް ލިބުނު ތިން ފުރުސަތަކާއި ދަގަނޑޭއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުތެރޭ ނިއުއިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެ ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ދަގަނޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާއެއް ޔޫވީގެ ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާއަކުންނެވެ.
ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިތާ ދިހަ މިނެޓުތެރޭ އެޓީމުގެ ބިދޭސީ ފޯވަޑް ގުއިލެމްއަށް ލަނޑުޖަހާނެ ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ދަގަނޑޭ ތަނަވަސްކޮށްދިން އެ ތިން ފުރުސަތުގެ ބޭނުން ގުއިލެމްއަށް ހިފިފައެއް ނުވެއެވެ. އޭނާ ފޮނުވާލި އެއް ހަމަލާ، އަމާޒުވީ ޔޫވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ނިއު އަދި ޔޫވީގެ ލަނޑެއް ފެނިގެންދިޔައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ސެންޓޭ ދިން ބޯޅައަކުން ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ. ނިއުއިން އެ ލަނޑު ކާމިޔާބުކުރިތާ މިނެޓެއްތެރޭ ޔޫވީން ކާމިޔާބުކުރި ލަނޑު އެޓީމަށް ޖަހައިދިނީ ހުސައިން ސިމާޒް (ކޮކީ)އެވެ.
ލީގު މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އެ މެޗަށްފަހު ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ އިރު، ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސްއެވެ.