28 Aug 2011, 12:00
ސާކް ސަމިޓަށް ޓްރޭންނިން ހަދަމުން ދިޔަ ސިފައިންގެ އޮފިސަރެއްގެ ބޮލަށް ވަޒަނެއް އަރައި މަރުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކައްދޫގައި ޓްރޭނިން ހަދަމުން ދަނިކޮށް ބޮލަށް ވަޒަން އެރައިގެން މަރުވީ ކޯޕްރަލް، ރ. އަލިފުށީ ޝަބާނާ، އިބްރާހިމް ޝައުކަތު 32، ކަމަށާއި ޝައުކަތު މަރުވީ ލައިވް ވަޒަނެއް އޭނާގެ ބޮލަށް އެރުމާ ގުޅިގެން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ.
ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ޑޮކްޓަރުންނާ ހަވާލާދެއްވައި މިއަދު ވިދާޅުވީ ޝައުކަތުގެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ 11:15 އެހާކަންހާއިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑޮކްޓަރުން ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ބުނެފައި ވަނީ 11:25 ގަ އެވެ.
"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" ރަޝީދު ވިދާޅުވި އެވެ.
އަންނަ ނޮވެންބަރު މަހު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް ބޮޑީގާޑުން ތަމްރީން ކުރުމަށް ކައްދޫގައި މިހާރު ކުރިއަށް ގެންދާ ޓްރޭނިންގައި އުޅެނިކޮށް ޝައުކަތުގެ ބޮލަށް ވަޒަނެއް އަރައިގެން މަރުވިއިރު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ ޝައުކަތު މަރުވި މައްސަލަ ތަހްގީގީ ކުރުމަށް އެމްއެންޑީއެފާއި ފުލުހުންގެ ޓީމެއް ކައްދުއަށް ގޮސްފައިވާ ކަމަށާއި އެހާދިސާ ހިނގާދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް ދެއްވަން އެނގިވަޑައިގަންނަވާނީ ތަހްގީގީ ނިމުމަށް ފަހު ކަމަށެވެ.
އެންއެންޑީއެފްގެ ހެލިކޮޕްޓަރެއްގައި ޝައުކަތުގެ ހަށިގަނޑު މިރޭގެ ވަގުތެއްގައި އަލިފުއްޓަށް ގެންދާނެ އެވެ. އަދި އެއަށް ފަހު ޝައުކަތުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި އެ ރަށުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
------------------
ޝައުކަތުގެ ޖަނާޒާ މިރޭގެ ވަގުތެއްގައި އޮންނާނެ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.
ޝައުކަތުގެ މަރާ ގުޅިގެން ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.
14:32
ޝައުކަތުގެ ހަށިގަނޑު ހުޅުލެއިން ސީދާ ގެންދާނީ އަލިފުއްޓަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެެވެ. ޝައުކަތުގެ ޖަނާޒާގެ ކަންތައްތައް ރަސްމީ އިއްޒަތުގައި އެމްއެންޑީއެފްގެ އިިސްވެރިންނާއެކު އަލިފުށީގައި މިއަދު ބާއްވަން ތައްޔާރުވާން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ އޭނާގެ ޖަނާޒާ އަލިފުށީގައި ބޭއްވުމަށް ނިންމީ އާއިލާގެ އެދުމުގެ މަތީން ކަމަށެވެ.
14:23
މަރުވެފައިވާ ސިފައިންގެ މީހާގެ ހަށިގަނޑު ހިފައިގެން ހެލިކޮޕްޓަރު ކައްދޫން މާލެ އަންނަން ނައްޓައިލައިފި އެވެ. އެމްއެންޑީއެފުން ބުނީ ހެލިކޮޕްޓަރު ޖައްސާނީ ހުޅުލެއަށް ކަމަށެވެ.
14:12
ކައްދު އަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ޖައްސައިފި އެވެ. މަރުވެފައިވާ ސިފައިންގެ މީހާގެ ހަށިގަނޑު ހެލިކޮޕްޓަރަށް އެރުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަށިގަނޑު މާލެ ގެނައުމަށްޓަކައި ކުޑައިރުކޮޅެއްގެ ތެރޭގައި ނައްޓާލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
13:37
އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް ވިދާޅުވީ ސިފައިންގެ ބައެއް ޓްރޭނިން ތަކުގައި ލައިވް ވަޒަން ބޭނުން ކުރާ ކަމަށާއި މިއަދުގެ ޓްރޭނިންގައި ވެސް ބޭނުންކޮށްފައި ވަނީ ލައިވް ވަޒަން ކަމަށެވެ. ނަމަވެސް އެއްވެސް ޓްރޭނިންއެއްގައި އެކަކު އަނެކަކާއި ދިމާއަށް ލައިވް ވަޒަން ބޭނުންކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލ. ކައްދޫގައި ކުރިއަށްގެންދާ މިޓްރޭނިންއަކީ އަންނަ ނޮވެންބަރު މަހު އައްޑޫގައި ބާއްވާ ސާކް ސަމިޓުގައި ހަރަކާތްތެރިވާ ބޮޑީ ގާޑުންގެ ތަމްރީން ކުރުމުގެ ގޮތުން ހިންގާ ޓްރޭނިން އެއް ކަމަށް އޭނާ ވިދާޅުވި އެވެ.
13:02
އެމްއެންޑީއެފުން ބުނީ ޝައުކަތު މާލެ ގެންނަނީ އައްޑޫގައި އޮތް އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު ލ. އަތޮޅަށް ދިއުމަށް ފުރާނެ ކަމަށެވެ.
12:45
ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ އުމުރުން 32 އަހަރުގެ ޝައުކަތު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ 11:15 އެހާކަންހާއިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރު ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ވިދާޅުވީ 11:25 ގައި ކަމަށެވެ.
"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރުވެސް މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
12:40 ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ބުނީ ޝައުކަތު އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
12:39
ޝައުކަތުގެ އުމަރީ 32 އަހަރެވެ.
12:37
ވަޒަން އަރައި ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު މާލެ ގެނައުމަށްޓަކައި، “ރެހެންދި” ހެލިކޮޕްޓަރު ދާދި ދެންމެއަކު ލ. އަތޮޅަށް ދިޔުމަށް ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގުކުރުމަށްޓަކައި މާލެއިން ޓީމެއް ވެސް މިހާރު ލ. އަތޮޅަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
12:27
އެ ހާދިސާގައި މަރުވެފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ކޯޕްރަލް، ރ. އަލިފުށީ ޝަބާނާ، އިބްރާހިމް ޝައުކަތެވެ.
ކައްދޫ ޓްރޭނިން ސެންޓަރުގައި މިހާރު ކުރިއަށްދާ ނުވަ ވަނަ ބޮޑީ ގާޑު ޓްރޭނިން ހަދަމުން ދިޔަ ސިފައިންގެ އޮފިސަރެއްގެ ބޮލަށް ވަޒަނެއް އަރައި ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ސިފައިންގެ މީހާ ނިޔާވީ މިއަދު ހެނދުނު ކައްދޫގައި ޓްރެއިނިން ހަދަމުން ދަނިކޮށް، ވަޒަނެއް އެރުމާ ގުޅިގެން ލ. ގަމު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އަބްދުﷲ އަލީ ވިދާޅުވީ މިހާދިސާ ހިނގަން ދިމާވި ސަބަބުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.