އަލަށް ހުޅުވާ ފްރެންޗައިޒް ތަކުގެ ސަބަބުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލާ މީހުން މާޔޫސްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު ކޮފީ ހައުސް ޗެއިން "ގްލޯރިއާ ޖީންސް ކޮފީ"ގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހުޅުވުމަށް މިރޭ ރަސްފަންނުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ތަކުރާރުކޮށް ހަތަރު ފަސް ބޭފުޅަކުވެގެން ރާއްޖެ ބޮއިކޯޓް ކުރުމަށް ގޮވާލަމުންދާ ކަމަށައި ނަމަވެސް އަލަށް ހުޅުވާ ފްރެންޝައިޒް ބްރޭންޑް ތަކުގެ ސަބަބުން އެފަދަ މީހުން މާޔޫސްވާނެ ކަމަށެވެ.

"ދުނިޔޭގެ ބޮޑެތި ބުރޭންޑްތައް ރާއްޖެ މިއަންނަނީ. މި ޕްރޮގްރާމަކީ ރާއްޖެ ބޮއިކޯޓް ކުރަން ގޮވާލާ ފަރާތްތަކަށް މާޔޫސްކަން އަންނާނެ ދުވަހެއް،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޯޓް ކުރުމަށް އަދި ރާއްޖޭގެ އިގްތިސާދު ބޮއިކޯޓް ކުރުމަށް ގޮވާލާ މީހުން އެ ކަންކަން ހުއްޓާލުމަށް އެދޭ ކަމަށެވެ. އަދި ދިވެހިން ތަރައްގީގައި ދެކެމުންދާ ޒަމާނަށް ބަދަލުވުމަށް އެދޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

"ދިވެހި ރާއްޖެ އަށް ލިބިފައި މިއޮތް ނަސީބު ޝުކުރުވެރިކަމާއިއެކު އަޅުގަނޑުމެން ބަލައިގަންނަން. ހަލަބޮލިކަން ގައުމުގައި އޮތް ކަމަށް ބަޔަކު ދެއްކި ނަމަވެސް ބައިނަލްއަގުވާމީ ބޮޑު ކުންފުންޏަކުން މިވަނީ ރާއްޖޭގައި އަނެއްކައިވެސް އިންވެސްޓް ކޮށްފައި،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ކަމަށެވެ. މިރޭ ހުޅުވި ގްލޯރިއާ ޖީންސް ބްރޭންޑް އިން އައްޑޫ އަދި ކުޅުދުއްފުށީ ފަދަ ރަށްރަށަށް ވިޔަފާރި ފުޅާ ކުރަން ނިންމުމަކީ ދިވެހިންނަށް އިތުރު އުފާވެރިކަން ލިބިގެންދާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ މިފަދަ ބްރޭންޑްތައް ރާއްޖެ އަންނައިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒުވާން ވިޔަފާރިވެރިން އުފެދުމާއި ޒުވާނުންނަށް ވަޒީފާ ލިބުން ކަމަށެވެ. އެގޮތުން މިރޭ ހުޅުވި ގްލޯރިއާ ޖީންސް ކޮފީ ޝޮޕްއިންވެސް ވަޒީފާ ދިނުމުގައި ޒުވާނުންނަށް އިސްކަންދިނުމަށް ނިންމުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.

ރަސްފަންނުގައި އިމާރާތްކޮށްފައިވާ ޕެވިލިއަންގައި، ހަދާފައިވާ "ގްލޯރިއާ ޖީންސް ކޮފީ" އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްއެވެ.