02 Apr 2018, 21:28
އޮސްޓްރޭލިއާގެ މަޝްހޫރު ކޮފީ ހައުސް ޗެއިން "ގްލޯރިއާ ޖީންސް ކޮފީ"ގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ރަސްފަންނުގައި ހުޅުވައިފިއެވެ.
ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.
ރަސްފަންނުގައި އިމާރާތްކޮށްފައިވާ ޕެވިލިއަންގައި، ހަދާފައިވާ "ގްލޯރިއާ ޖީންސް ކޮފީ" އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމްއެވެ.
"ފަޔަވޯކްސް"ގެ ކުލަގަދަ ހަރަކާތަކާވެސް އެކު، "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓް ރަސްފަންނުގައި ހުޅުވިއިރު އެ ރަސްމިއްޔާތުގައި ކެބިނެޓްގެ ވަޒީރުންނާއި، އެނޫންވެސް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިރޭ ރާއްޖޭގައި އަލަށް ހުޅުވި ފްރެންޗައިޒް، "ގްލޯރިއާ ޖީންސް ކޮފީ"ގެ ފަރާތުން ވަނީ، ރާއްޖޭގެ ތިން އެންޖީއޯއެއް އެންޑޯޒްކޮށް، އެ ތިން ފަރާތަަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.
ރާއްޖޭގައި ގްލޯރިއާ ޖިންސް ހިންގާ ބްރޫ އެންޑް ފީސްޓް ކުންފުނީގެ އޮޕަރޭޝަންސް އެންޑް މާކެޓިންގް ޑިރެކްޓަރު ސަނީހު އަންވަރު ވިދާޅުވީ މާލޭގައި ހުޅުވާ ގްލޯރިއާ ޖީންސްއިން، އޮސްޓްރޭލިއާއާ އެއް ކޮލިޓީއެއްގެ ކޮފީ ލިބޭނެ ކަމަށެވެ. އަދި މާލޭގައި ހަދާ ކޮފީއަކީ ސީދާ އޮސްޓްރޭލިއާއިން ރޯސްޓުކޮށްގެން ގެންނަ ކޮފީ ބީންސްއިން ހަދާ ކޮފީކަމަށް އޭނާ ވިދާޅުވިއެވެ.
"ގްލޯރިއާ ޖިންސް ކޮފީއަކީ އޮސްޓްރޭލިއާގެ ހައި ފުޑް ކޮލިޓީގެ ދަށުން ހަދާ ކޮންސިސްޓެންސީ ވަރަށް ހައި ކޮފީއެއް. އެ ކޮފީއަކީ ވަކި ޓައިމިންއަކަށް ވަކި ކޮލިޓީއަކަށް ހަދާ ވަރަށް ތަފާތު ރަހައެއް ހުންނަ ކޮފީއެއް،" ސަނީހް ވިދާޅުވިއެވެ.
ގްލޯރިއާ ޖިންސްގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް މިރޭ ރަސްފަންނު ޕްވިލިއަންގައި ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތްތާގައި ގްލޯރިއާ ޖިންސްގެ އައުޓްލެޓްތައް އައްޑޫ އަދި ކުޅުދުއްފުށީގައިވެސް ހުލުވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.