02 Apr 2018, 21:02
ރާއްޖެ އަންނަ ފަތުރުވެރީންވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވީ ގޮތްހުސްވެގެން ކަަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކ. ހިންމަފުށީގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ފަތުރުވެރިން މުޒާހަރާކުރަން ރައީސް ނަޝީދު ގޮވާލެއްވީ މުޒާހަރާއަށް ނުކުންނާނެ ބަޔަކު ނުވުމުން ކަމަށެވެ.
"މިހާރު ވާގޮތަކީ އެބޭފުޅުންގެ ޕާޓީންނާ އެބޭފުޅުންނަށް ތާއިދުކުރައްވާ ބޭފުޅުންް މުޒާހަރާކުރާކަށް ނުނިކުމޭ. އެމީހުންނަށް ވެސް އެނގޭ މުޒާހަރާކޮށްގެން ވާނެކަމެއްވެސް ނެތްކަން، އަދި މުޒާހަރާކުރަން ޖެހޭ ސަބަބެއްވެސް ނެތްކަން. ރައްޔިތުން ތިބީ އުފަލުގައި. ރައްޔިތުން ތިބީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހެޔޮއަގުގައި ލިބިގެން. އެހެންވީމާ ކީއްކުރަންތޯ މުޒާހަރާކުރަންވީ،" ޠާރިޤު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިން އެހާ ބޮޑު ހޭދައެއްކޮށްގެން އައިސް މުޒާހަރާކުރުމަކީ ބޭނުންހުރި ކަމެއް ނޫންކަން ފަތުރުވެރިންނަށްވެސް އެނގޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް ކުރައްވާނެ ކަމެއް ނޭނގި އަދި ދައްކަވާނޭ ވާހަަކަތަކެއްވެސް އެނގިވަޑައިނުގެން، ދެއްކޭ އެންމެ ފަހުގެ ވާހަަކަތަަކަކަށް އެކަން ވެދާނެ ކަމަށްވެސް މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.
ބޭރުގެ ނޫހެއް ކަމަށްވާ "ޑިޕްލޮމެޓް"އަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެސް އެކްޓިވިސްޓުންގެ ގޮތުގައި ރާއްޖޭގައި މުޒާހަރާކުރެވިދާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމިން އިސްތިއުފާ ދިނުމަށާއި، ފަނޑިޔާރުން ދޫކޮށްލުމަށް ލިޔެފައިވާ ޓީޝާޓެއް ލައިގެންވެސް މުޒާހަރާ ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.