ޕްރެމިއާ ލީގުގައި ޖޯޑަން ހެންޑަސަން އާއި ޗާލީ އެޑަމް ލިވަޕޫލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑާ އެކު 3-1ގެ ނަތީޖާއަކުން ބޮލްޓަންގެ މައްޗަށް ލިވަޕޫލްއިން މެޗް ކާމިޔާބުކޮށް ޕްރެމިއާ ލީގުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ބޮލްޓަން އާއި ބައްދަލު ކުރި މިމެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ލިވަޕޫލްގެ އުރުގުއޭ ތަރި ލުއިސް ސުއަރޭޒް އަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަ ކޮށްލެވެ އެވެ.

މެޗްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 15 ވަނަ މިނެޓްގަ އެވެ. މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި ސަންޑަލޭންޑުން ލިވަފޫލަށް ބަދަލުވި ޖޯޑަން ހެންޑަސަން އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފުގައި ބޮލްޓަންގެ ކުޅުން މަޑު މަޑުން ފެންނަމުން ދިޔައެވެ. ނަމަވެސް ލިވަޕޫލުގެ ޑިފެންޑަރުން ތިބީ ބޮލްޓަން އިން އުފައްދާ ކައުންޓަ އެޓޭކްތަކަށް ސަމާލުވެގެންނެވެ. ދެން ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔައީ ދެމިނެޓު ތެރޭ ދެލަނޑު ޖެހި މަންޒަރެވެ. މެޗްގެ 52 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިޔާ މާޓިން ސްކާޓަލް ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހިއިރު 53 ވަނަ މިނެޓްގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި ބްލެކްޕޫލް އިން ލިވަޕޫލަށް ބަދަލުވި ޗާލީ އެޑަމް އެވެ.

ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއް ލިބިފައި އޮތުމުން ކުޅުންތެރިން ހަމަޖެހިލައިގެން މެޗުގެ ބާކީ ބައި ފުރިހަމަ ކުރިއެވެ. އޭގެ ބޭނުން ހިފައިގެން ބޮލްޓަން އިން މަސައްކަތްކުރީ ލީޑް ހަނިކޮށް ކުރި ހޯދުމަށެވެ. ބޮލްޓަންގެ ފުރަތަމަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އިވާން ކްލަސްނިޗް އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 3-1 ލަނޑުން ކުރީގައި އޮތީ ލިވަޕޫލެވެ.

ޕްރެމިއާ ލީގުގައި ޗެލްސީ އާއި ނޯވިޗް ބައްދަލުކުރި މެޗް 3-1 ން ކާމިޔާބުކުރީ ޗެލްސީއިންނެވެ. މިސީޒަނުގައި ވެލެންސިޔާ އިން ޗެލްސީއަށް ބަދަލުވި ހުއާން މަޓާގެ ހުނަރުވެރިކަން ބޮޑެތި ކުލަބު ތަކަށް ދައްކާލައި އޭނާގެ ޕްރެމިއާ ލީގުގެ ފުރަތަމަ ލަނޑުވެސް ވަނީ ކާމިޔާބުކޮށްފައެވެ.

މެޗްގެ 6 ވަނަ މިނެޓުގައި ހޯސޭ ބޮސިންގްވާ ޗެލްސީއަށް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން އެޓީމު ކުރީގައި އޮވެގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރުންނަށާއި ކީޕަރަށް ހެދުނު ގޯހަކުން ގްރޭންޓް ހޯލްޓް ވަނީ ނޯވިޗް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މޮޅު ކުޅުމެއް ދައްކަމުންއައި ޗެލްސީއަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް މެޗްގެ 82 ވަނަ މިނެޓުގައި ލިބުނެވެ. ޗެލްސީގެ ރަމިރޭސް އަށް ނޯވިޗް ކީޕަރު ޖޯން ރޫޑީ ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލުކުރުމުން އޭނާއަށް ރެފްރީ ރަތް ކާޑު ދައްކާ ޗެލްސީއަށް ޕެނަލްޓީއެއް ދިނެވެ. މިޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ފްރޭންކް ލަމަޕާޑެވެ. މެޗުގެ އިތުރު ވަގުތު ތެރޭގައި ޗެލްސީގެ ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނުނު ހުއާން މަޓާއެވެ. މިމެޗް ނިމިގެންދިޔައީ 3-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ޕްރެމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވިގަންއާއި ކިޔުޕީއާރު ބައްދަލުކުރި މެޗް 2-0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ވިގަންއިންނެވެ. ބްލެކްބާންއާއި އެވަޓަން ބައްދަލުކުރި މެޗް 1-0 ލަނޑުން އެވަޓަން ކާމިޔާބުކުރިއެވެ. ވޮލްސްއިން އެސްޓަން ވިލާ ހިފެހެއްޓިއިރު އަލަށް ޕްރޮމޯޓްވި ސްވަންސީ ވަނީ ސަންޑަލޭންޑް ހިފަހައްޓާފައެވެ.