02 Apr 2018, 20:24
ބޯފެނާއި ނަރުދަމާގެ ނިޒާމް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ކ. ހިންމަފުށީގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ކ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހިމްއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށާއި މަސައްކަތަކަށް 45 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަސައްކަތް ފަށާތާ 468 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ކަމަށްވެސް އެންވަޔަރަންމަންޓު މިނިސްޓްރީން ބުންޏެވެ. މަޝްރޫއުގެ ދަށުން ސްވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ގާއިމުކުރުގެ އިތުރުން އެ ނިޒާމުގެ މަސަައްކަތްތައް މެނޭޖްކުރުމަށް އިމާރާތެއް އެޅުމަށްވެސް ހަމެޖެހިފައިވާ ކަމަށްވެސް އެންވަޔަަރަންމަންޓު މިނިސްޓްރީން ބުންޏެވެ.

ހިންމަފުށީގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، ނަރުދަމާގެ މަސައްކަތަކީ ރައްޔިތުންނަށް ކޮންމެހެންވެސް ބޭނުންވާ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި އެހެނިހެން އަސާސީ ހިދުމަތްތައް ދިނުމަށް ލޯނު ނެގިނަމަވެސް ނަރުދަމާގެ މަސައްކަތްތައް ކުރުމަށް ކުރީގެ ސަރުކާރުތަކުން ލޯނުނަގައިފައި ނުވާ ކަމަށެވެ.
" ގާނޫނޫ އަސާސީގައިވެސް އެބައޮތް ފެނާއި ނަރުދަމާގެ ވާހަަކަ. މިކަންތައްތައް ކުރަން ކީއްވެގެންތޯ ފަސްޖެހެންވީ ލޯނު ނަގައިގެންވެސް އެކަންތައްތައް ދެމެހެއްޓެނިވި ގޮތުގައި ކުރެވެންޏާ އެކަންތައް ކުރަންޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.