02 Apr 2018, 16:11
މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން އެންމެފަހުން ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން ބަލިވީ ތަފާތު ބޮޑުކޮށް 5-0ގެ ނަތީޖާއަކުންނެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު މާލޭ ލީގުގެ ކުޅުން މިރޭ ފަށާ އިރު، މިރޭގެ މެޗުގައި ވާދަކުރާނީ ޔޫވީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.
މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ޔޫވީ ކޯޗު، މުހައްމަދު ނަޒީހު ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ދަށް ނަތީޖާއެއް ނުކުތް ނަމަވެސް، ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ގްރީންއާ ދެކޮޅަށް ކުޅުނު މެޗަކީ ޕޮއިންޓެއް ނެގޭ ވަރުގެ މެޗެއް. އެކަމަކު ބޮޑު ތަފާތަކުން ބަލިވުމުގެ ޒިންމާ ނަގަން. އަޅުގަނޑުގެ އަމިއްލަ އެދުން ތަންކޮޅެއް ބޮޑުވީ. ޓީމަށް ކަންކަން ގޯސްކޮށް ދަނިކޮށްވެސް ހަމަ ސީދާ ތިން ޕޮއިންޓަށް ދިޔައީ. ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ބައެއް ހާލަތްތަކުގައި ހުރި އެންމެ ކުޑަކުދިން ހަދާ ކަހަލަ މިސްޓޭކް ހެދިފައި،" ނަޒީހު ބުންޏެވެ.
މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ އޮތީ ހަތަރު ވަނައިގައެވެ. އަދި މިރޭ ޔޫވީއާ ދެކޮޅަށް ނުކުންނަ ނިއު، ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. މިދިޔަ އަހަރު ޕްރިމިއާ ލީގުން ފެށިގެން އެންމެފަހުން ކުޅުނު 22 މެޗުންވެސް ނިއު ބަލިވެފައެއް ނުވެއެވެ.
"ނިއުއަކީ ހުރިހާ ގޮތަކަށް ބަލާއިރިވެސް، އެންމެ ކޮލިޓީ ފުޓުބޯޅައެއް ފެންނަ ޓީމު. އެހެންވީމަ ބަލިކުރަން އުނދަގުވާނެ. އެކަމަކު ނުވާ ވަރުގެ ކަމެއް ނޫން. އަޅުގަނޑުމެންނަށްވެސް މޮޅު ދުވަހެއްގައި އެކަންވެސް ކުރެވިދާނެ،" ނިއުގެ ހާލަތާ ގުޅޭގޮތުން ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ މެޗަށް ނުކުންނާނީ ނިއުގެ ވަރުގަދަކަން ދަނެގެން ކަމަަށާއި، އެހެން ނަމަވެސް މުޅި ޓީމު ޑިފެންސް ކުރަން ނުވިސްނާނެ ކަމަށެވެ.
"މެޗަށް ނުކުންނާނީ ބެލެންސްކޮށް ވިސްނައިގެން. އެކަމަކު ތިން ޕޮއިންޓަށް ހަމަ ނުކުންނާނީ. ކުރީ މެޗުގައިވެސް ދިމާވި ކަންކަން އެނގޭ. ވާން އުޅޭ ގޮތްވެސް އެނގޭ. އެރޭވެސް ލިބުނު މެޗުގެ ނަތީޖާ ބަދަލުކޮށްލަންވެސް ފުރުސަތުތަކެއް. ހަމަ ގައިމުވެސް 11 ކުޅުންތެރިން ފަހަތަށް ޖެހިގެން ނުކުޅޭނަން،" ނަޒީހު ބުންޏެވެ.
ޔޫވީއަށް މި ސީޒަންގައި މުހިއްމު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ފޯވަޑް ސަމިއުލް ކޯޑެލް --ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗަށް ނުކުންނަ އިރު، ނަޒީހުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިންވެސް އަނިޔާގައި ތިބުމެވެ. ބްރެޒިލްގެ މިޑްފީލްޑަރު ޕައުލޯ ހެލްބާގެ އިތުރުން ޔޫވީއަށް މި ސީޒަންގައި މުހިއްމު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ފޯވަޑް ސަމިއުލް ކޯޑެލް ޑެވޯނޭވެސް ހުރީ އަނިޔާގައެވެ.
"ޔޫވީއަށް ވަރަށް ބޮޑު ގެއްލުމެއް ފޯވަޑަށް އަނިޔާވުމަކީ. މިޑްފީލްޑަރަށް ވުރެވެސް ފޯވަޑަށް އަނިޔާވުމުން މާ ބޮޑަށް ގެއްލުން ދައްކާނެ. އެއީ މިދިޔަ ސީޒަންގައިވެސް ޔޫވީއަށް މި ކުރިމަތިވާ ކަމަކީ ކުރީގައި ބޯޅަ ނުހިފެހެއްޓުން. އަބަދު ޑިފެންސް ކުރުމަކީ އުނދަގޫ ކަމެއް،" ފޯވަޑްގެ މުހިންމުކަމާ ގުޅިގެން ނަޒީހު ބުނެފައިވެއެވެ.
ޔޫވީ އަދި ނިއު ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.