އާސަންދަ ކުންފުނިން ހިންގާ ހުޅުމާލެ ހޮސްޕިޓަލުގައި އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ސްޕީޗު ތެރަޕިސްޓެއްގެ ޚިދުމަތް އަލުން ފޭން ފަށައިފިއެވެ.

ސްޕީޗު ތެރަޕީއަކީ އޯޓިޒަމާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި، އަދި ވާހަކަދެއްކުމާއި އަޑުއެހުމާއި ލިޔުން ފަދަ ކަންކަން ކުރުމުގައި އުނިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ ޚާއްސަ ތެރަޕީއެކެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ، ހުޅުމާލެ ހޮސްޕޮޓަލުގައި ސްޕީޗް ތެރަޕިސްޓެއްގެ ހިދުމަތް އަލުން ދޭންފެށީ އިއްޔެ ކަމަށެވެ.

އަދި މިފަހަރު ހިދުމަތް ދޭން ފެށީ ދާއިމީ ގޮތެއްގައި ހުންނާނެ ސްޕީޗް ތެރަޕިސްޓަކާއެކުގައި ކަމަށާއި އެގޮތުން ހަފްތާއަކު ފަސް ދުވަހު އިންޑިއާގެ ސްޕީޗް ތެރަޕިސްޓަކު އެ ހޮސްޕިޓަލުގައި ބައްލަވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

އާޝިޔާ ވިދާޅުވި ގޮތުގައި، ތެރަޕިސްޓް ބައްލަވަމުން ގެންދަވާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ތެރަޕިސްޓަށް ދައްކަން 1417 އަށް ގުޅައިގެން ކޮންމެ އިރަކުވެސް ނަންނޯޓު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުގައި ސްޕީޗު ތެރަޕީ ޚިދުމަތަކީ އާސަންދައިން ކަވަރުކުރާ ޚިދުމަތްތަކެކެވެ.

މާލޭގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލާއި، ހުޅުމާލޭގައި ދާދި ފަހުން ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް ސްޕީޗު ތެރަޕިސްޓުންގެ ޚިދުމަތް ލިބެއެވެ.