02 Apr 2018, 12:24
ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.
އެ އެޖެންސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ ދަށުން އުޅަނދުފަހަރުގައި އެއްތަނުން އަނެއް ތަނަށް ކުނި ގެންދަން ވާނީ ކުނީގެ ވަސް މާހައުލަށް ނުފެތުރޭ ގޮތަށް ނިވާ ކޮށްގެން ކަމަށެވެ.
ކުނި ގެންދާއިރު އަމަލުކުރަން ވާނީ ކުންޏާއި ކުނީގައި އެކުލެވޭ ދިޔަ ފަދަ ތަކެތި މަގުމައްޗަށް ނުފައިބާ ގޮތަށް ކަމަށް ވެސް އެ އެޖެންސީ އިން ނެރުނު ބަޔާނުގައިވެ އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މިންގަނޑާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެ މުއްދަތުގެ ފަހުން އެ މިންގަނޑާ ޚިލާފަށް ކުނި ބަރުކޮށްގެންދާ އުޅަނދުފަހަރުގެ ކުނި މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ބަލައި ނުގަންނާނެ ކަމަށެވެ.